މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ވަކިކޮށް އުކާލުމުގެ މަސައްކަތް ފެށިއިރު، މިއީ އެކަން ކުރުމަށް އެންމެ ރަނގަޅު ވަގުތުކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވެފައި މިވަނީ، މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ވަކިކޮށް އުކާލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މާލޭގެ ގޭގެއިން ކުނި ވަކިކޮށްގެން ނެރެން ފަށާއިރު އުނދަގޫތަކެއް ހުއްޓަސް މިކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި މަޑުކޮށްގެން ތިބޭނަމަ ދުވަހަކުވެސް މި މައްސަލައަށް ހައްލެއް ނުހޯދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތަކީ ރާއްޖޭގައި ކުނީގެ މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
އަލަށް ޢަމަލުކުރަން ފެށި އުސޫލާއިއެކު މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތްތަކުގެ ކުނި ވަކިކޮށްގެން އުކާލުން އިއްޔެ ފެށިއިރު މިކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެއެވެ.
ވަކިކޮށްގެން ކުނި އުކާލުމުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާއާއި ގުޅޭގޮތުން ވެމްކޯއިން ބުނެފައިވަނީ ވަރަށް ގިނަ ގެތަކުން ކުނި އުކާލުމުގައި މި ބަދަލަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ކުނި ވަކިކޮށް، ކުނި ކަލެކްޓް ކުރާ މީހުންނަށް ފަސޭހަކުރުމަށް ކޮތަޅުގައި ލޭބަލް ޖަހާފައިވާކަމަށާއި އަދި ބައެއް ގެތަކުން ވަކި ބާވަތްތަކުގެ ކުންޏަށް ޑަސްބިން ބަހައްޓާ، ކުނި ވަކިކޮށްފައިވާކަމަށް ވެމްކޯއިން ބުނެއެވެ.
އާންމުންގެ ފަރާތުން ލިބިގެންދިޔަ މި އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިއީ އާއްމުންނަށް އަދި ވެމްކޯއަށްވެސް އާ ތަޖުރިބާއަކަށްވުމުން، މި ބަދަލަށް މުޅިން ފަރިތަވާން ވަގުތުކޮޅެއް ނަގާނެކަމަށް ވެމްކޯއިން ބުނެއެވެ.
ގަވައިދު ނަމްބަރ R-109/2021 އަށް މާލެ ސަރަހައްދުގައި އަމަލު ކުރަން ފެށުމާއެކު، ކުނި ވަކިކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރިއްޔާ. މިމަސައްކަތް ކާމިޔާބު ކަމާއެކީ ކުރުމަށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ސާބަސް @WAMCOmv pic.twitter.com/wGThAagjA6
— yoosuf (@ysirax) June 1, 2022
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވެމްކޯގެ ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ އަޙުމަދު އާޒިމް ވިދާޅުވީ ކުނި ވަކިކޮށްގެން އުކުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްކާތެރިގޮތުގައި އެކި ބާވަތްތަކުގެ ކުނި ނައްތާލުންކަމަށެވެ. ކުނި ވަކިކޮށް ނެގުމުގައި ވެމްކޯގެ ޓީމްތައްވެސް ވަރަށް ބޮޑަށް ތައްޔާރުވެފަވާކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދުތައްވެސް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ކުނި އުކާލާނީ ހުރިހާ ބާވަތެއް ވަކިން. ގޭގެއިން ކަލެކްޓް ކުރުމުގައިވެސް، ކުނި އުފުލުމުގައިވެސް، ތިލަފުއްޓަށް ގެންދިއުމުގައިވެސް. ކޮމްޕެކްޓަރ ވެހިކަލްއަށް އަޅާނީ ކުނިވާޒާތުގެ ކުނި. އެހެން ބާވަތްތައް ޖަންބޯ ގޯނީގައި ވަކިން ގެންދަނީ." އާޒިމް ވިދާޅުވިއެވެ.
ބަދިގެ ކުނި ނުވަަތަ އޯގަނިކް ވޭސްޓްއަކީ ފަސޭހައިން ނައްތާލެވޭ އަދި ކޮންމެހެން ނައްތާލަން ޖެހޭ ބާވަތްތަކުގެ ކުންޏެވެ. ނަމަވެސް ޕްލާސްޓިކް ފަދަ ބާވަތްތަކަކީ ނައްތާލުމަށް ދިގު މުއްދަތެއް ނަގާ އަދި އޭގެ ގެއްލުން ތިމާވެއްޓަށް އިންތިހާއަށް ބޮޑު ބާވަތްތަކެވެ. ޢާންމުގޮތެއްގައި ކުނިވާޒާތުގެ ކުނި ކޮންމެ ދުވަހަކު އުކާލަން ޖެހުނުކަމުގައި ވީނަމަވެސް ޕްލާސްޓިކް ފުޅިއާއި ކެއްކުމުގައި ބޭނުންކުރާ ދަޅު، ފުޅިފަދަ ތަކެއްޗަކީ ކޮންމެ ދުވަހަކު އުކާލުމަށް ހުންނާނެ އެއްޗެއް ނޫނެވެ. އެހެންކަމުން މިފަދަ ކުނި އެއްކުރުމަށްފަހު ވަކިކުރެވޭނެ އިންތިޒާމް ގޭގައި ހަމަޖެހިފައި ހުރުމަކީ މުހިންމުކަމެކެވެ.
ވެމްކޯއިން ވިދާޅުވީ މިގެނައި އިސްލާޙާއެކު ކުނި ނެގުމަށް ހަމަޖެހިފައިވާގޮތަށް އެއްވެސް ބަދަލެއް ގެނައުމަށް އަދި ހަމަޖެހިފައިނުވާކަމަށެވެ. އެގޮތުން ހަމަ މިހާރުވެސް ކުނި ނަގަމުން އަންނަ ގޭބިސީތަކުން ކުނި ނަގަމުންދާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.