ޚަބަރު

އެމެރިކާގެ ޒަމާނީ މިސައިލުތައް ޔޫކްރެއިނަށް، ރަޝިޔާގެ ނިޔުކްލިޔަރ ފައުޖުތަކުގެ ފަރިތަކުރުންތަކެއް


ސީދާ ރަޝިޔާއަށް ޙަމަލާދެވޭވަރުގެ ޒަމާނީ މިސައިލް ނިޒާމުތައް ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން އެންމެ ފަހުން ނިންމައިފިއެވެ.

ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ 700 މިލިޔަން އެމެރިކާ ޑޮލަރުގެ އައު އަސްކަރީ އެހީގެ ތެރޭގައި 80 ކިލޯމީޓަރު ދުރުގައި ހުންނަ މަޤާމުތަކަށް ޙަމަލާދެވޭވަރުގެ ޒަމާނީ މިސައިލް ނިޒާމުތައް ހިމެނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން މީގެ ކުރިން ވިދާޅުވެފައިވަނީ ސީދާ ރަޝިޔާއަށް ޙަމަލާދެވޭވަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް އޭނާ ދެކޮޅުކަމަށެވެ. ނަމަވެސް އެމެރިކާގެ ނިންމުން ބަދަލުކޮށްފައިވަނީ އެ ޤައުމުން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށްގެން ސީދާ ރަޝިޔާއަށް ޙަމަލާނުދޭނެކަމުގެ ޔަޤީންކަން ޔޫކްރެއިނުން ދިނުމުންނެވެ.

ޔޫކްރެއިނަށް ފޮނުވުމަށް ނިންމާފައިވާ އެންމެ ފަހުގެ އަސްކަރީ އެހީގެ ތެރޭގައި ރާޑަރު ނިޒާމުތަކާއި ޓޭންކަރަށާއި މަތިންދާބޯޓަށް ޙަމަލާދެވޭ ރޮކެޓާއި ދުރުރާސްތާ މިސައިލް ނިޒާމުތައް ހިމެނެއެވެ. އެ ހަތިޔާރުތަކަކީ ހަނގުރާމައިގެ އޮއިވަރު ބަދަލުކޮށްލުމަށް ޔޫކްރެއިނަށް އެހީތެރިކަން ލިބޭނެ ޒަމާނީ ހަތިޔާރުތަކެއްކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މީގެ ތިން މަސްދުވަސްކުރިން ޔޫކްރެއިނުގައި ހަނގުރާމަ ފެށުނުފަހުން އެ ޤައުމަށް އެމެރިކާއިންވަނީ 50 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމާއި އަސްކަރީ ޚަރަދުތަކަށެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ދަ ނިޔު ޔޯކް ޓައިމްސުން ޢާއްމުކުރި ބައިޑަންގެ ލިޔުމެއްގައި ބުނެފައިވަނީ ޔޫކްރެއިނަށް ޒަމާނީ ހަތިޔާރު ފޮނުވަނީ މަޝްވަރައިގެ މޭޒަށް ރަޝިޔާ ގެނައުމުގެ ބޭނުމުގައިކަމަށެވެ. އަދި ޔޫކްރެއިނުގެ ހަނގުރާމައަށް ނިމުމެއް ގެނެވޭނީ މަޝްވަރާކޮށްގެން ދާޢިމީ ޞުލްޙައެއް ޤާއިމުކުރެވިގެންކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ.

ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ރަޝިޔާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައި ޔޫކްރެއިނަށް ޒަމާނީ ހަތިޔާރު ފޮނުވުމަށް އެމެރިކާއިން ނިންމުމުން ރަޝިޔާއިންވަނީ އެ ޤައުމުގެ ނިޔުކްލިޔަރ ފައުޖުތަކުގެ ޚާއްޞަ ތަމުރީނުތަކެއް ފަށައިފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ނިޔުކްލިޔަރ ފައުޖުތަކަށް ނިޞްބަތްވާ 1،000 ސިފައިން ބަރުހަތިޔާރާއެކު ބާއްވަމުންދާ ފަރިތަކުރުންތަކުގައި އެއް ބަރުން އަނެއް ބައްރަަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލާއި 100އަށްވުރެ ގިނަ އަސްކަރީ އުޅަނދު ބޭނުންކުރަމުންދާކަމަށެވެ.