ޚަބަރު

ޑޮލަރު ނުލިބޭތީ ލަންކާގެ މުސްލިމުން ޙައްޖަކަށް ނުދާނެ


ނާޒުކު އިޤްތިޞާދީ ޙާލަތެއްގައި އޮތް ސުރީ ލަންކާގައި ޑޮލަރުގެ ތާށިކަން ބޮޑުވެ އެ ޤައުމުގެ މުސްލިމުން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމައިފިއެވެ.

ބާވީސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ 510 މީހުންނަކީ މުސްލިމުންނެވެ. މި އަހަރު ޙައްޖަށް ދިޔުމަށް އެ ޤައުމަށްވަނީ 1,585 މީހުންގެ ކޯޓާއެއް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދީފައެވެ.

ސުރީ ލަންކާގައި ޙައްޖަށް މީހުން ފޮނުވައި އެންމެ ބޮޑު ދެ ޖަމާޢަތުން އެ ޤައުމުގެ އިސްލާމީ ކަންކަމާބެހޭ ވުޒާރާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޤައުމުގެ ޙާލަތު ގޯސްވެ ޑޮލަރު ލިބުން ދަތިވެފައިވާތީ މި އަހަރުގެ ޙައްޖުގެ އަޅުކަމަށް މީހުން ނުފޮނުވަން ނިންމާފައިވާކަމަށެވެ. އަދި ޤައުމަށް އެންމެ ރަނގަޅު ގޮތަކީ ޤައުމުގެ ތެރޭގައި ޑޮލަރު ހިފެހެއްޓުންކަމަށް ޤަބޫލުކުރާކަމަށްވެސް އެ ޖަމާޢަތްތަކުން ބުނެފައިވެއެވެ. އެ ގޮތުން އެ ޖަމާޢަތްތަކުން ބުނެފައިވަނީ އެ ޤައުމުން މީހުން ޙައްޖަށް ފޮނުވުމަށް 10 މިލިޔަން މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ޖެހޭނެކަމަށާއި އެއީ ޤައުމުގެ ޙާލަތު އޮތްގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ޤަބޫލުކުރާކަމަށެވެ.

ސުރީ ލަންކާގެ މާލީ ވުޒާރާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ޤައުމުގައި ބޭނުންކުރެވެން ހުރި ޑޮލަރުގެ ޢަދަދުވަނީ 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައެވެ. އަދި އެ ޤައުމަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ރަޙުމަތްތެރި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.