ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ގްރޭޑް 12ގެ ދަރިވަރުން ޓީބީ ބައްޔަށް ޓެސްޓްކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުންކަމަށާ، އެއީ ކުއްޖަކު އެބައްޔަށް ޕޮޒިޓިވްގެން ކުރި ކަމެއް ނޫންކަމަށް އެސްކޫލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް ވިދާޅުވީ އެސްކޫލްގެ ގްރޭޑް 12ގެ ދަރިވަރުން ޓީބީ ބައްޔަށް ޓެސްޓް ކޮށްފައިވާކަމަށާ، މިއީ އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށް ގެންދާ "ޓިއުބަރކްލޯސިސް (ޓީބީ)އެލިމިނޭޝަން ޕްރޮގްރާމް"ގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ތެރެއިން ކުރި މަސައްކަތެއްކަމަށެވެ.
ސްކޫލްތަކުގައި ޓީބީ ފެތުރެމުން އަންނަކަމަށްބުނެ ބައެއް މިޑިއާތަކުގައި ފަތުރަމުންދާ ހަޤީގަތާ ޚިލާފު ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ދޮގުކުރައްވާފައެވެ. އަދި މިއީ އެޗްޕީއޭއާ ގުޅިގެން ސްކޫލަތަކުގައި ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވިދާޅުވެއެވެ.
ސްކޫލްތަކުގައި ޓީބީ ފެތުރެމުން އަންނަކަމުގެ މަޢުލޫމާތުތައް ފެތުުރުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައިވެސް ނުތަނަވަސްކަން އުފެދިދާނެފަދަ ކަމަކަށްވާތީ ހަޤީގަތެއްނެތް މިފަދަ ވާހަކަތައް ނުފެތުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެ މިނިސްޓްރީން އިސްކަންދޭނެ ކަމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ޓީބީ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން މީހުން މަރުވާ އެއްސަބަބުކަމަށްވާއިރު ރާއްޖޭގައި މަދުން ނަމަވެސް ޓީބީ ފެނެއެވެ. މި ބަލި ރާއްޖޭގައ ކޮންޓްރޯލް ކޮށްފައިވާއިރުވެސް ދޭތެރެ ދޭތެރެއިން ސްކްރީން ކުރުމުގެ މަރުހަލާތައް އަންނަނީ ހިންގަމުންނެވެ.
ޓިއުބަރކިއުލޯސިސް (ޓީބީ) އަކީ މައިކޮބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ޖަރާސީމަކުން ޖައްސާ ބެކްޓީރިއަލް ބައްޔެކެވެ. ޓީބީ ބަލި އާންމުކޮށް ފެތުރެނީ ވައިގެ ތެރެއިން އެކަކު ގައިން އަނެކާގެ ހަށިގަނޑަށް ވާސިލްވެގެންނެވެ. ޓީބީ ބަލި ފުއްޕާމެއަށް ޖެހިފައިހުރި ބަލިމީހާގެ ކުޅުގައި ހުންނަ ޖަރާސީމު، ކެއްސާ ކިނބިހި އަޅާއިރު ނިކުމެގެން އަނެކާގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވެގެން ނޫނީ މި ބަލި ގައިން ގަޔަކަށް ނާރާނެއެވެ.