ކުޅިވަރު

ރެޑްބުލް އާއެކު ހަދާފައިވާ އެއްބަސްވުން ސާޖިއޯ ޕެރޭޒް އާކޮށްފި


ފޯމިއުލާ ވަން ކާރު ރޭސް މުބާރާތުގައި ހިމެނޭ އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ ރެޑްބުލްގެ ދުއްވުންތެރިޔާ ސާޖިއޯ ޕެރޭޒް، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

އެއާއެކު 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ޕެރޭޒް އެ ޓީމްގައި ހުންނާނެއެވެ. އުމުރުން 32 އަހަރުގެ މި ދުއްވުންތެރިޔާ ވަނީ އެންމެފަހުން ބޭއްވި މޮނާކޯ ގްރޯން ޕްރީ ކާމިޔާބުކޮށްފައެވެ. އަދި ޑްރައިވަރުގެ ސްޓޭންޑިންގައި އޭނާ މިވަގުތު އުޅެނީ ތިންވަނައިގައެވެ.

ރެޑްބުލް ޓީމްގެ ވެރިޔާ ކްރިސްޓިއަން ހޯނާ ހާމަކުރިގޮތުގައި ޕެރޭޒް އެ ޓީމްގައި ބެހެއްޓުމުގެ ނިންމުމަކީ އެއްވެސް ވަރަކަށް ވިސްނަންޖެހުނު ކަމެއް ނޫންކަމަށެވެ. ޕެރޭޒް ރެޑްބުލްއާ ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ސީޒަންގައި ރޭސިން ޕޮއިންޓުންނެވެ. އަދި 2021 ވަނަ އަހަރު އޭނާ ނިންމާލީ ތާވަލްގެ ހަތަރުވަނައިގާ އޮވެގެންނެވެ.

މައުލޫމާތު ލިބޭގޮތުގައި މޮނާކޯ ރޭހުގެ ކުރިން ޕެރޭޒް ވަނީ އައު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް ރެޑްބުލްއިން މިކަން ހާމަކޮށްފައިމިވަނީ ރޭގެ ވަގުތެއްގައެވެ. ޕެރޭޒް ހާމަކުރިގޮތުގައި މިއީ އެނާއަށް ވަރަށް ހާއްސަ ހަފުތާއެއް ކަމަށެވެ. އެއީ މޮނާކޯ ގްރޯން ޕްރީ ކާމިޔާބުކުރުމަކީ ކޮންމެ ޑްރައިވަރެއްގެ ހުވަފެނެއް ކަމަށާއި، އަދި އެއާއެކު އެއްބަސްވުން އާކުރެވުމާއެކު މިހަފްތާ ފުރިހަމަ ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.