ކުޅިވަރު

ޖޮކޮވިޗް ބަލިކޮށް ނަޑާލް ފްރެންޗް އޯޕަންގެ ސެމީއަށް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ނޯވަކް ޖޮކޮވިޗް ބަލިކޮށް، މުބާރާތުގެ ސެމީފައިނަލުން ރަފައެލް ނަޑާލް ޖާގަ ހޯދައިފިއެވެ.

ޓެނިހުގެ ދުނިޔޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ދެ ވާދަވެރިންގެ ގޮތުގައި ފާހަގަވެފައިވާ މި ދެކުޅުންތެރިންގެ ކުރިމަތިލުން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.

އެގޮތުން ކުއާޓާ ފައިނަލްގެ މި މެޗް ނަޑާލް ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަަމަ ސެޓް ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު ހައެއް ދޭކުން ނަޑާލް ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓް ހަތަރެއްް ހަޔަކުން ކާމިޔާބުކުރީ ޖޮކޮވިޗްއެޗެ. ނަމަވެސް ތިންވަނަ ސެޓް ނަޑާލް އަނެއްކާވެސް ގެންދިޔައީ ހައެއް ދޭކުންނެވެ.

މިމެޗްގައި އެންމެ ވާދަވެރިކޮށް ދިޔައީ ހަތަރުވަނަ ސެޓެވެ. އެގޮތުން މިސެޓްގައި ހައެއް ހަޔަކުން ދެކުޅުންތެރިން އެއްވަރުވެ، ޓައި ބްރޭކަކަށް ގޮސް ނަޑާލް ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. ހަތަރު ގަޑިއިރެއްރާ އިރަށް ދެމިގެންދިޔަ މިމެޗް ރޭ ނިމިފައިވަނީ ޕެރިހުގެ ގަޑިން ދަންވަރު އެއްގަޑި ފަނަރައިގައެވެ.

މިމުބާރާތުގެ ސެމީފައިނަލްގައި ނަޑާލް ދެން ބައްދަލުކުރާނީ މުބާރާތުގެ ތިންވަނައަށް ސީޑް ކުރެވިފައިވާ ޖަރުމަނުގެ އެލެގްޒެންޑަރ ޒްވަރޭވް އާއެވެ. ޒްވަރޭވް މިމުބަރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ސްޕެއިންގެ އަރަމުން އަންނަ ޒުވާން ތަރި ކާލޯސް އަލްކަރާޒް ތިން ސެޓް އެއްސެޓުން ބަލިކޮށްގެންނެވެ.

ނަޑާލްއަށް ފަހު ކްލޭ ކޯޓްގެ ރަސްކަން ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އަލްކަރާޒްއަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލްކުރި އެއްކުޅުންތެރިޔާއެވެ. ކުއާޓާ ފައިނަލުގެ އެ މެޗްގެ ފުރަތަމަ ދެސެޓް ޒްވަރޭވް ހައެއް ހަތަރެއް، ހައެއް ހަތަރަކުން ކާމިޔާބުކޮށްފައިވަނިކޮށް، އަލްކަރާޒްވަނީ ތިންވަނަ ސެޓް ހަތަރެއް ހަޔަކުން ކާމިޔާބުކޮށް އުންމީދު އާކޮށްފައެވެ. އަދި ހަތަރުވަނަ ސެޓް ވަނީ ހައެއް ހަޔަކުން އެއްވަރުވުމުން ޓައިބްރޭކަކަށް ގޮސްފައެވެ. ނަމަވެސް ޓައި ބްރޭކްގައި ޒްވަރޭވް ކުރި ހޯދީ ނުވައެއް ހަތަކުންނެވެ.