ޔޫކްރޭނުން ބޭނުންވަނީ ޕްލޭއޮފް ކާމިޔާބުކޮށް، މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކަމަށް އެލެކްސެންޑާ ޒިންޗެންކޯ ބުނެފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ޔޫރަޕް ސަރަހައްދުގެ ކޮލިފައިން ޕްލޭއޮފް ސެމީ ފައިނަލްގައި މިރޭ ސްކޮޓްލަންޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަަކަ ދައްކަމުންނެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް ފައިނަލްގައި ވާދަ ކުރާނީ ވޭލްސްއާއެވެ. ނޫސްވެރިންނާ ވާހަކަ ދެއްކިއިރު ފެންކަޅިވެފައިއިން ޒިންޗެންކޯ ބުނީ ޔޫކްރެއިންގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ މިހާރު ހިނގަމުންދާ ހނަގުރާމަ ނިމުމަކަށް އައްނަން ކަމަށެވެ. އަދި ފުޓްބޯޅައިގެ ވާހަކަ ދައްކާކަމަށްވާނަމަ ބުނެވޭނީ ޔޫކްރެއިންއިން ބޭނުންވަނީ ވޯލްޑް ކަޕަށް ކޮލިފައިވާން ކަމަށާއި، ޔޫކްރެއިންގައި ދަތި ހާލުގައި އުޅެމުންދާ އޭނާގެ ގައުމުގެ ރައްޔިތުންނަށް ވޯލްޑް ކަޕްގައި ޔޫކްރެއިން ކުޅޭތަން ދައްކާލައި، އެ ހިތްހަމަޖެހުން ދިނުމަށް ބޭނުންވާ ކަމަށްވެސް ޒިންޗެންކޯ ބުންޏެވެ.
ޒިންޗެންކޯ ވަނީ ސްކޮޓްލަންޑްގެ ޓީމާއި، ސްޓާފުންނާއި އަދި މެޗުގެ ކަންތައްތައް ރޭވިފައިވާލެއް ފުރިހަމަ ކަމަށްޓަކައި އެ ކަމަށް ތައުރީފް ކޮށްފައެވެ. މިއީ ވާދަވެރި މެޗެއް ކަމުގައިވީ ނަމަވެސް ސްކޮޓްލަންޑްއިން ޔޫކްރެއިންގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިރޭ މެޗްގެ ކުރިން ޔޫކްރެއިންގެ ގައުމީ ސްލާމް ކުޅޭއިރު، ގައުމީ ސަލާމް ކިޔުމަށްޓަކައި ސްކޮޓްލަންޑްގެ ސަޕޯޓަރުންނަށް ސްކްރިޕްޓް ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޒިންޗެންކޯ ބުނީ މި މެޗް ޔޫކްރެއިންގެ ހުރިހާ ރައްޔިތުން ބަލާނެކަން ޔަގީންކަމަށާއި، އެ ރައްޔިތުންގެ ތާއީދު ޓީމާއެކު އަބަދުވެސް ވާނެކަން އެނގޭ ކަމަށެވެ.