ޚަބަރު

ކުނި، ބައިބަޔަށް ވަކިކޮށް އުކާލުމުގެ މަސައްކަތް ފަށައިފި


މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކަނޑައަޅުއްވާފައިވާ ޤަވާޢިދުގެދަށުން ކުނީގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނައުމުގެގޮތުން ކުރަމުންދާ މަސައްކަތެކެވެ.

މިމަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ގޭބީސީތަކުން 3 ބަޔަކަށް ކުނި ވަކިކޮށް ނެރެންޖެހެއެވެ. ފުރަމާލެ ސަރަހައްދުން ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްގެން ނެރެން ޖެހެއެވެ. މި ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށާއި ޓޫރިސްޓް ރިސޯޓްތަކުން މަޢުދަނާއި ބިއްލޫރީގެ ބާވަތްތަކުގެ ކުނި ނެރެންޖެހޭނީ ވަކިކޮށްގެންނެވެ.

ކުނިވާ ޒާތުގެ ކުނި

- ޖަނަވާރުގެ ބޮޑުކަމުދާ ތަކެތި
- ބާކީވާ ކާއެއްޗިސް (މަސް، މޭވާ، ތަރުކާރި އަދި އޭގެ ތޮށި)
- ސެނިޓަރީ ނެޕްކިންސް
- ފަތް ކުނި، ވިނަ
- އިސްތަށި / ނިޔަފަތި
- ޓިޝޫ، ކަފަ، ކަފަބުރު
- މިނޫންވެސް މިފަދަ ތަކެތި

ޕްލާސްޓިކް ކުނި

- ވޮޝިން ލިކުއިޑް ފަދަ ފުޅި
- ޕްލާސްޓިކް ދަޅު / ފުޅި
- ޝޭމްޕޫ ފުޅި
- ފެންފުޅި
- މިނޫންވެސް މިފަދަ ތަކެތި

އެހެނިހެން ބާވަތްތަކުގެ ކުނި

- އަންނައުނު އަދި ފޮތި
- ކޮސްމެޓިކް ދަޅު/ އެލުމިނިއަމް ދަޅު، ފޮއިލް
- ސޯސް ފުޅި
- ކަރުދާސް/ ކަރުދާސް ކޮތަޅު
- ދަވާދު/ ކުލަ ދަޅު
- ފާޚަނާ ސާފުކުރާ ކެމިކަލް ފުޅި
- ފަންސުރު/ ގަލަން
- މުށި، ތެޅިފައިވާ ތަށި، ތެލި، ބިއްލޫރި ފުޅި
މިނޫންވެސް މިފަދަ ތަކެތި

މިފަދަ ކުނީގެ ބާވަތްތައް ބަންދުކުރުމުގައި އެއް ބާވަތް އަނެއް ބާވަތުގެ ކުންޏާ އެއް ނުވާނޭހެން، ވަކިވަކި ކޮތަޅުގައި ބަންދުކުރުމަށް ސަމާލުވުމަށް ވެމްކޯއިން ވިދާޅުވެއެވެ. މިއުސޫލުގެ ދަށުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކާއި ވިޔަފާރިތަކާއި އަމިއްލައަށް ސައިޓަށް އައިސް ކުނި އުކާލާ މީހުންވެސް އަމަލުކުރުމަށް ވަނީ އަންގަވާފައެވެ. އަދި މާލެ ސަރަޙައްދުން ބޭރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގޮސް ކުނި އުކާ މީހުން، ކުނި ވަކިކުރަން ޖެހޭ ހަތަރު ބަޔަށް ކުނި ވަކިކޮށް އުފުލުމަށް ސަމާލުކަން ދިނުމަށްވެސް ވެމްކޯއިން އަންގަަވައެވެ.

މީގެ އިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް"ގެ ޚިދުމަތް ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާއި އެއް ނުވާނޭހެން އެކާލެވޭނެކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.

ޢާންމުގޮތެއްގައި ކުނިވާޒާތުގެ ކުނި ކޮންމެ ދުވަހަކު އުކާލަން ޖެހުނުކަމުގައި ވީނަމަވެސް ޕްލާސްޓިކް ފުޅިއާއި ކެއްކުމުގައި ބޭނުންކުރާ ދަޅު، ފުޅިފަދަ ތަކެއްޗަކީ ކޮންމެ ދުވަހަކު އުކާލުމަށް ހުންނާނެ އެއްޗެއް ނޫނެވެ. އެހެންކަމުން މިފަދަ ކުނި އެއްކުރުމަށްފަހު ވަކިކުރެވޭނެ އިންތިޒާމް ގޭގައި ހަމަޖެހިފައި ހުރުމަކީ މުހިންމުކަމެކެވެ.

ވެމްކޯއިން ވިދާޅުވީ މިގެނައި އިސްލާޙާއެކު ކުނި ނެގުމަށް ހަމަޖެހިފައިވާގޮތަށް އެއްވެސް ބަދަލެއް ގެނައުމަށް އަދި ހަމަޖެހިފައި ނުވާކަމަށެވެ. އެގޮތުން ހަމަ މިހާރުވެސް ކުނި ނަގަމުން އަންނަ ގޭބިސީތަކުން ކުނި ނަގަމުންދާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.