ލ.މާވަށު ފަޅުތެރޭގައި ތާށިވެފައިއޮތް ކޯމަހެއް ސަލާމަތް ކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވީ އެރަށު ފަޅު ތެރެއިން ކޯމަސް ފެނިފައިވަނީ މިއަދު ފަތިހު 4:30 ކަށް ހާއިރު ކަމަށެވެ. އަދި ގަބޫލުކުރެވޭ ގޮތުގައި އެރަށު ފަޅުތެރެއަށް ކޯމަސް ވަދެފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ކޯމަސް އޮތީ ރަށުގެ މޫދަށް އެރޭ ސަރަހައްދުގެ ވަރަށް އެއްގަމާ ހިސާބަށް އައިސްފައިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ދިޔަވަރު ހިކިފައި އޮތުމާއި މާބޮޑަށް ތެޅުމުގެ ސަބަބުން ކޯމަހުގެ ބަނޑުދަށުން ލޭވެސް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޯމަސް ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި، އާންމު ބައެއް ރައްޔިތުންގެ އެހީތެރިކަން ލިބިގެންދިޔަކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ކޯމަސް ސަލާމަތްކުރުމުގައި ސަތަރިގަނޑެއްގެ އެހީގައި ބޭރުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަނެއްކާވެސް ދެވަނަ ފަހަރަށް އެ ކޯމަސް އެނބުރި އައިސްފައިވާކަމަށާއި އެ ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިކޯމަހުގެ ބޮޑު މިނުގައި 8 ވަރަކަށް ފޫޓު ހުންނާނެކަމަށް ލަފާ ކުރެވޭކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.