ޚަބަރު

އެމްޓީސީގެ ސައިޓުތަކަށް ދިވެހިން ހޯދަން ޚާއްސަ އިންޓަވިއުއެއް


އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރުމަށް މީހުން ހޯދުމަށް ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އިންޓަވިއުގައި އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް 67 މުވައްޒަފުން ހޮވުމަށްވަނީ ހަމަޖެހިފައެވެ.

ވިފަދަ ވޯކް-އިން އިންޓަވިއުތައް ޚާއްސަކުރަނީ ވަޒީފާ އަދާކުރަމުން ނުދާ ޒުވާނުންނަށެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު 04:00އިން އިރުއޮއްސި 07:00އަށެވެ.

މި އިންޓަވިއުއިން ހޮވޭ މީހުންނަށް 10300އާއި 13700 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އަސާސީ ތަޢުލީމު ޙާސިލްކޮށްފައިވުމާއެކު، ކޮންސްޓަރަކްޝަން ދާއިރާގެ ތަޖުރިބާހުރި މީހުންނަށް އިސްކަންދޭނެއެވެ. އަދި ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގިވެރިކަމާއި، ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވާންވާނެއެވެ.

ވަޒީފާއަށް ހޮވޭ މީހުން ސްޓާފް މެޑިކަލް އިންޝުއަރެންސްއާއި ޕެންޝަން ސްކީމްގައިވެސް ހިމެނިގެންދާނެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި އެންމެގިނަ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރިއަށްގެންދާ ކުންފުންޏެވެ. ކުންފުނީގެ މަސައްކަތްތަކުގައި މަޝްރޫޢުތައް ހިންގާ ރަށްރަށުގެ ޒުވާނުންނަށް ވަޒީފާދީ، އެ ޒުވާނުން އަންނަނީ އަމިއްލަ ރަށުގައި ސައިޓްގައި މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީޏް މިހާރުވެސް އެއްފަހަރާ 80 ސައިޓްގައި، މަސައްކަތްތައް ދަނީ ހިނގަމުންނެވެ.

އެމްޓީސީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދު 3500އިން މައްޗަށް އަރައެވެ. ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކުންފުނީގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ބަދަލުގައި، ވީހާވެސް ގިނަ ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

މި މަސައްކަތުގެ ދަށުން މީގެ ކުރިންވެސް އެމްޓީސީސީންވަނީ އެކި ފަހަރުމަތިން ވޯކް-އިން އިންޓަވިއުތައް ބާއްވާ، ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނަގާފައެވެ.