ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑޮކްޓަރ ނާޒްނީން އަންވަރު އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑޮކްޓަރ ނާޒްނީން އަންވަރުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ވެދެއްވި އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަށްޓަކައި ޑޮކްޓަރ ނާޒްނީން އަންވަރަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވަނީ ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓްކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކަށްވުރެ ކުރިން ކޮވިޑް ކޮންޓްރޯލްކުރެވުނު ކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގައި ތިބި ނާޒުކު ގިންތިތަކުގެ މީހުންނަށް އަދި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
ޑޮކްޓަރ ނާޒްނީންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަން ހާމަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިސްނަގައިގެން މެންޓަލް ހެލްތް އެކްޝަން ޕްރޮގްރާމްގެ ތެރެއިން މިކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައިސުލްޖުމްހޫރިއްޔާވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ހާމަކުރައްވާފައެވެ. އަދި، ޑޮކްޓަރ ނާޒްނީން އަންވަރު ވަނީ ރާއްޖޭގައި ފަސޭހައިން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.