ޚަބަރު

ނެދަލޭންޑްސަށް ގޭސް ވިއްކުން ރަޝިޔާއިން ހުއްޓާލައިފި


ނެދަލޭންޑްސަށް ގޭސް ވިއްކުން ރަޝިޔާއިން ހުއްޓާލައިފިއެވެ.

ރަޝިޔާގެ ޤައުމީ ގޭސް ކުންފުނި ގެޒްޕުރޮމުން ބުނެފައިވަނީ ނެދަލޭންޑްސަށް ގޭސް ވިއްކުން ހުއްޓާލުމަށް ނިންމީ ރަޝިޔާއިން އެދުނު ގޮތަށް ރޫބަލްލުން ފައިސާދެއްކުމަށް ނެދަލޭންޑްސްގެ ޤައުމީ ގޭސް ކުންފުނިކަމަށް ގޭސްޓެރާއިން ދެކޮޅުހެދުމުންކަމަށެވެ. އެ ގޮތުން އޭޕުރީލް މަހުގެ ތެރޭގައި ނެދަލޭންޑްސަށް ފޯރުކޮށްދިން ގޭހަށް އެ ޤައުމުން ފައިސާދައްކާފައިނުވާކަމަށްވެސް ގެޒްޕުރޮމުން ބުނެފައިވެއެވެ. މީގެ ކުރިން ރޫބަލްލުން ފައިސާދެއްކުމަށް ދެކޮޅުހެދުމުން ގެޒްޕުރޮމުންވަނީ ޕޯލޭންޑާއި ބަލްގޭރިޔާއާއި ފިންލޭންޑަށްވެސް ގޭސްވިއްކުން ހުއްޓާލައިފައެވެ.

ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ދުނިޔޭގެ ބާރުތަކުންވަނީ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ޑޮލަރާއި ޔޫރޯ ބޭނުންކޮށްގެން އެއްވެސް މުޢާމަލާތެއް ނުކުރުން ހިމެނެއެވެ. އެހެންކަމުން ރަޝިޔާއިން ނިންމާފައިވަނީ އެ ޤައުމުން ވިއްކާ ތެލާއި ގޭސް ގަންނަ ފަރާތްތަކުން ރޫބަލްލުން ފައިސާ ދައްކަން ޖެހޭ ގޮތަށެވެ. ރަޝިޔާއިން ބުނެފައިވާ ގޮތުގައި އެ ނިންމުމާއެކު އެ ޤައުމުން ވިއްކާ ތެލާއި ގޭހަށް ރޫބަލްލުން ފައިސާ ދައްކާ ޤައުމުތައް ގިނަވެއްޖެކަމަށެވެ. އެއާއެކު ރޫބަލްގެ އަގުވަނީ ދުނިޔޭގައި ވަރުގަދަވެފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ގެޒްޕުރޮމުން ދެ މިލިޔަން ކިޔުބިކް މީޓަރުގެ ގޭސްގަތުމަށް ގޭސްޓެރާއިންވަނީ ނިންމައިފައެވެ. ނަމަވެސް ގެޒްޕުރޮމުން ގޭސްވިއްކުން ހުއްޓާލުމުން ނެދަލޭންޑްސަށްވަނީ ގޭސްހޯދުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހިފައެވެ.