ޚަބަރު

ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ފުރަތަމަ ފަހަރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް


މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޔޫއޭއީއާއި އިސްރާއީލުން ސޮއިކޮށްފިއެވެ. އެއީ ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ސޮއިކުރި އެފަދަ ފުރަތަމަ އެއްބަސްވުމެވެ. އަދި އެއީ ވިޔަފާރީގެ ދާއިރާއިން ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ސޮއިކުރި އެންމެ ވަރުގަދަ އެއްބަސްވުމެވެ.

ޔޫއޭއީއާއި އިސްރާއީލާ ދެމެދު ޤާއިމުކޮށްފައިވާ ވިޔަފާރި ކައުންސިލުން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ކުންފުނިތަކުން ޔޫއޭއީގައި ޤާއިމުވެ ވިޔަފާރިކުރުމަށް މަގުފަހިވާނެކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ޔަހޫދީންގެ 1،000 ކުންފުނި ޔޫއޭއީގައި ޤާއިމުވާނެކަމަށް ބެލެވޭކަމަށާއި އޭގެ ތެރެއިން ގިނަ ކުންފުނިތައް ޙަރަކާތްތެރިވާނީ ދުބާއީގައިކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެއާއެކު ޔަހޫދީންގެ ވިޔަފާރި އޭޝިޔާއާއި ދެކުނުއިރުމަތީ އޭޝިޔާއަށް ފޯރާނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ސާމާނާއި ބޭހާއި ޞިއްޙީ ސާމާނުން ޓެކްސް ނެގުންވެސް ހުއްޓުމަކަށް އަންނާނެއެވެ.

ފުރަތަމަ ފަހަރަށް ޢަރަބިންނާއި ޔަހޫދީންނާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިންތިހާއަށް އިތުރުވެ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލްއަޤްޞާގެ ޙުރުމަތް ކަނޑަމުންދާ ދަނޑިވަޅެއްގައެވެ. ޔޫއޭއީއާއި އިސްރާއީލާ ދެމެދު ގުޅުން ޤާއިމުކޮށްފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ ތެރޭގައި ބަޙުރައިނާއި މަޣުރިބުންވެސްވަނީ އިސްރާއީލާ ގުޅުން ޤާއިމުކޮށްފައެވެ. އޭގެ ކުރިން މިޞްރާއި އުރުދުންވެސްވަނީ އިސްރާއީލާ ގުޅުން ޤާއިމުކޮށްފައެވެ.