ޚަބަރު

ލަންކާގައި ކާބޯތަކެތީގެ ދަތިކަން ޙައްލުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް


ނާޒުކު އިޤްތިޞާދީ ޙާލަތަކާ ކުރިމަތިވެފައިވާ ސުރީ ލަންކާގައި ކާބޯތަކެތީގެ ދަތިކަން ނައްތާލުމަށް އެ ޤައުމުގެ ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ސުރީ ލަންކާގައި ކާބޯތަކެތީގެ ދަތިކަން ނައްތާލުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ނިންމަވާފައިވަނީ ސަރުކާރާއި ޢާއްމުންނާ ގުޅިގެން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ގޮތުން ސުރީ ލަންކާގެ ސަރުކާރުން އެންމެ އިސްކަމެއް ދިނުމަށް ނިންމާފައިވަނީ އެ ޤައުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ގަސްކާނާ ލިބޭނެ މަގުތައް ފަހިކުރުމަށެވެ. އެ ގޮތުން ރަޙުމަތްތެރި ޤައުމުތަކުން ގަސްކާނާ ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުންވަނީ ފަށައިފައެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ނައްތާލުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ޢާއްމުންގެ އެއްބާރުލުމަށް އެދިފައެވެ. އެ ގޮތުން ގަސްކާނާ ލިބެންދެން ދަންޑުވެރިކަން ހުއްޓާނުލައި ކުރިޔަށްގެންދިޔުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެދިފައެވެ. އަދި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ނައްތާލާނެކަމުގެ ޔަޤީންކަންވެސް އެ ޤައުމުގެ ސަރުކާރުންވަނީ ދީފައެވެ. އެ ގޮތުން ޢާއްމުންނަށް ފައިދާވާނެ ދަނޑުވެރިކަމުގެ ބާވާތްތައް ދެނެގަނެ ދަނޑުވެރިންނަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ޒުވާން ދަނޑުވެރިންނަށް ބިން ދޫކުރުމާއި ޢާއްމު ބަގީޗާތަކާއި ސަރުކާރުގެ އިދާރާތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުމަށް ބާރުއެޅުން ހިމެނެއެވެ.

ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަން ކުރިއެރުވުމަށްވެސް ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެކަމަށް ސުރީ ލަންކާގެ ސަރުކާރުންވަނީ ބުނެފައެވެ. އޭގެ އިތުރުން ބިހާއި ކިރާއި ކުކުޅުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސްވަނީ ބުނެފައެވެ.