ކޯވިޑް19ގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން އެޕްރެންޓިޝިޕް ޕްރޮގްރާމު ހިންގުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑައިރެކްޓަރ އަލީ ހާލިދުއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ޕީއެސްއެމްއާ ދެމެދު ހޯމަދުވަހު ޤާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން، ޕީއެސްއެމްގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް، އެޕްރެންޓިޝިޕްގައި ހޭދަކުރާ 6 މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސްއެއް ދޭނެއެވެ. މިއީ، މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކްރިއޭޓިވް ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި، ހުނަރާއި، މަސައްކަތުގެ ތަޖްރިބާ ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޕަބްލިކް ސާރވިސް މީޑިޔާއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު ވިދާޅުވީ މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް، އެ އިންސްޓިޓިއުޓްއިން ހިންގާ އެމްއެންކިޔުއެފް ލެވެލް 3ގެ ޖަރނަލިޒަމް ސެޓިފިކެޓް ހާސިލުކުރުމުގެ އިތުރުން، ކުންފުނީގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ.
ޕީއެސްއެމް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާ ތަކަކަކީ ނޫސްވެރިކަން، ޓީވީ ޕްރޮޑަކްޝަން، ރޭޑިއޯ ޕްރޮޑަކްޝަން، ނިއުސް އެންކަރިންގ އަދި ޕްރެޒެންޓިންގ ފަދަ ދާއިރާތަކެވެ.
"މިޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަކީ މަލްޓި ޓާސްކޮށް މީޑިއާގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ދެވޭނެ. އެގޮތުން، ނޫސްވެރިކަމުގެ އިތުރުން، އަމިއްލެއަށް ކެމެރާކޮށް، ވީޑިއޯ އެޑިޓްކޮށް ހުށަހެޅުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން، ޓީވީ ޕްރޮގްރާމާއި ރޭޑިއޯ ޕްރޮގްރާމު އުފައްދަން ދަސްކޮށްދެވޭނެ" އެމްއެމްއައިގެ ޕްރޮގްރާމް ކޯޑިނޭޓަރ ވިދާޅުވިއެވެ.
6 މަސް ދުވަހުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ވަނީ، މަރޗް 29 ގައި ފެށިފައިވާއިރު، މިބެޗްގައި ޖުމްލަ 16 ދަރިވަރަކު ބައިވެރި ކޮށްފައިވެއެވެ.
މިޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދަނީ ޕީއެސްއެމްގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުންނެވެ.