ވިޔަފާރި

ބާޒާރުން ގަނެވެނީ ޙަލާލު ކާބޯތަކެތިކަން އެނގޭނެގޮތް ހަމަޖައްސަނީ


ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ޙަލާލު ތަކެތިކަން ފަސޭހައިން އެގޭނެ ފަދަ ގޮތްތަކެއް އިންތިޒާމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބް އިބްރާޙީމް އަޙްމަދު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި ބައެއް ފަހަރު ނޭގި ނަމަވެސް ޙަލާލު ނޫން އެއްޗެހި ހުންނަ ކަމަށާއި މިކަން މިގޮތަށް ވިޔަނުދިނުމަށްޓަކައި އެކަމާއި ގުޅޭ ޤަވާއިދެއް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ.އިސްލާމުން ކެއުމުގައި ބޭނުންކުރާ އާއްމު އުސޫލުތަކަށް ފެތޭ ބާވަތެއްކަން އަންގައިދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އަންނަނީ ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކަށް ޙަލާލް ސެޓްފިކެޓް ދޫކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 3 ކުންފުންޏެއްގެ 20 އުފެއްދުމަކަށް އެ މިނިސްޓްރީން ޙަލާލް ސެޓްފިކެޓް ދޫކުރައްވާފައިވެއެވެ.