ޚަބަރު

ނޭޕާލުގައި ވެއްޓުނު މަތިންދާބޯޓުގެ ކަޅުފޮށި ހޯދައި ތަޙުޤީޤު ފަށައިފި


ބާވީސް މީހުންނާއެކު ނޭޕާލުގައި ވެއްޓުނު މަތިންދާބޯޓުގެ ކަޅުފޮށި ހޯދައި އެ ޙާދިޘާ ތަޙުޤީޤުކުރަން ފަށައިފިއެވެ.

ނޭޕާލުގެ އަމިއްލަ އެއާލައިނެއްކަމަށްވާ ޓާރާ އެއާގެ މަތިންދާބޯޓު ވެއްޓިފައިވަނީ ޕޮކާރާއިން އުދުއްސާލިތާ 15 މިނެޓުފަހުންނެވެ. އެ ޙާދިޘާގައި އެ މަތިންދާބޯޓުން ދަތުރުކުރި އެންމެވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ނޭޕާލުގެ 16 މީހުންނާއި އިންޑިޔާގެ ހަތަރު މީހުންނާއި ޖަރުމަންވިލާތުގެ ދެ މީހުން ހިމެނެއެވެ. އެ މަތިންދާބޯޓު ވެއްޓިފައިވަނީ ފަރުބަދަމަތީ ސަރަޙައްދަކަށްށެވެ. ބެލެވޭ ގޮތުގައި އެ މަތިންދާބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ނޭޕާލުގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ މަތިންދާބޯޓުގައި ބޭނުންކޮށްފައިވަނީ އެންމެ ކަޅުފޮއްޓެއްކަމަށެވެ. ޢާއްމުކޮށް މަތިންދާބޯޓުތަކުގައި ދެ ކަޅުފޮށި ހުރެއެވެ. ނޭޕާލުގެ ސަރުކާރުންވަނީ ފަސް މެންބަރުންގެ ޕެނަލެއް އެކުލަވާލައި އެ ޙާދިޘާ ތަޙުޤީޤުކުރަން އަންގައިފައެވެ. އަދި އެފަދަ ޙާދިޘާތައް މުސްތަޤުބަލުގައި ނުހިނގާނެ ގޮތްތަކެއް ފާހަގަކުރުމަށްވެސް އެ ޕެނަލަށް އަންގާފައިވެއެވެ.

2019ވަނަ އަހަރުގެ ތެރޭގައި ފޯބްސް މަޖައްލާއިން ޢާއްމުކުރި ސަލާމަތީގޮތުން އެންމެ ރައްކާތެރިކަން ކުޑަ އެއާލައިނުތަކުގެ ތެރޭގައި ޓާރާ އެއާ ހިމެނެއެވެ. އަދި ވެއްޓުނު މަތިންދާބޯޓަކީ 1979ވަނަ އަހަރުގެ ތެރޭގައި ކެނެޑާގައި އުފައްދައި ބޭނުންކުރަން ފެށި އުޅަނދެކެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުންނަ ޤައުމަކީ ނޭޕާލުގައެވެ. އަދި އެ ޤައުމުގައި މީގެ ކުރިންވަނީ ނުރައްކާތެރި ވައިގެ ޙާދިޘާތަކެއް ހިނގައިފައެވެ. އެ ގޮތުން 1992ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނު އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް ވެއްޓި 167 މީހުންވަނީ މަރުވެފައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި ޔޫއެސް ބަންގުލާ އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް އަލިފާންރޯވެ 51 މީހުން މަރުވެފައިވެއެވެ.