ކުޅިވަރު

ކުލަބު ވޮލީބޯލް ސެމީއާ ގާތަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށް ކުލަބު ވޮލީބޯލްއިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކުރިއިރު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ދިވެހި ސިފައިންގެ ކުލަބު ބަލިވެ، ގްރޫޕް ބީގެ ފޯރިގަދަވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެރޭ ޔޫތު ނިއު ޖެނެރޭޝަން އަތުން ކުލަބް ވޮލީބޯލް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ކްލަބް ވޮލީބޯލް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ، 25-20، 25-22 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލްގެ ޖާޒީ ނަމްބަރު 5 މަލްދާ މަސްއޫދުއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއިން ކުރިހޯދީވެސް ސީދާ ތިން ސެޓުންނެވެ.

ގައުމީ ޓީމުގައި ހިމެނޭ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ޓީމުގެ ފަރާތުން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-19، 25-14 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތިލިނީ ވަސަނާއެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލައިން ލިންކޭޖެވެ.