ޚަބަރު

ގައުމީ ޔުނިވަރސިޓީގެ "ފަހި ފުރުސަތު" ބުދަދުވަހު ބާއްވަނީ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ "ފަހި ފުރުސަތު" މާދާމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ފަހި ފުރުސަތުގެ ނަމުގައި ކުރިއަށްގެންދާ މިހަރަކާތް ކުރިއަށްގެންދާނީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް އަމާޒުކޮށެވެ. އެގޮތުން ޔުނިވަރސިޓީގެ ތައުލީމު ފުރިހަމަކޮށް ވަޒީފާގެ މާހައުލަށް ނިކުންނަ ދަރިވަރުންނަށް އަދި އެހެނިހެން އާންމުނަށް އޮތް ވަޒީފާގެ ފުރުސަތުތައް މި ވަޒީފާގެ މައުރަޒުން ފަހިވެގެންދާނެކަމަށް އެމްންޔޫއިން ވިދާޅުވެއެވެ.

މި މައުރަޒަށް ވަނުމުގެ ފުރުސަތު ހުރިހާ އާމުންނަށް ވަނީ ހުޅުވާލެވިފައެވެ. މިހަރަކާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދަކާކަށް ނުޖެހޭނެކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

މިހަރަކާތް ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލުމެވެ، މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުޞަތުތަކާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއަޅާ، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދިނުމަކީވެސް މި ހަރަކާތުގެ މަޤްޞަދަކެވެ.

މި މައުރަޒުގައި އެކިއެކި ދާއިރާތަކަށް ހާއްސަކޮށް ސްޓޯލްތަކެއް ހުންނާނެވެ. އެގޮތުން ވަޒީފާ ދޭ ފަރާތްތަކުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުރި އެކިކަހަލަ ވަޒީފާގެ ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީ އަދި ވޯކިންގ އިންޓަރވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ފެސްޓިވަލްގައި އެމްއެންޔޫގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭގޮތަށް ޖުމްލަ 30 ފަރާތަކުން ބައިވެރިވާނެއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ބުދަދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.