ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ސެޕްޓެމްބަރުމަހު ފެށުމަށް ތައްޔާރުވަނީ


އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޔާޓާއި ހަވާލުވެ ހުންނެވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރ އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ ސާވޭތައް މިދިޔަ ޖުލައި މަހުން ފެށިގެން މިމަހުގެ މެދާ ހަމައަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވެލި ނަގާނެ ސަރަހައްދުތައް ބެލުމާއި، މަޝްރޫޢޫގެ ސަބަބުން ކުރާނެ އަސަރުތައް ބެލުމާއި، ފަރުތަކަށް ގެއްލުންވާ ސަރަހައްދެއް ނަމަ އެ ސަރަހައްދަކުން މުރަކަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމާއި ގުޅޭ ސާވޭތައް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާތައް ނިމުމާއެކު ރިޕޯޓްޓައް ތައްޔާރުކުރެވި، ބޭނުންވާ ހުއްދަތައް ހޯދުމަށް އިޕީއޭއަށް ހުށަހެޅޭނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ މަރުހަލާކަމަށް ސޯބެ ވިދާޅުވިއެވެ.

"[ސެޕްޓެމްބަރ] ތެރޭގައި އެމީހުން އައްޑޫއަށް އަންނަން ފަށާނެ. މިހާރުވެސް އެމީހުންގެ ބައެއް އެބަ އުޅޭ. އެމީހުންގެ އޮފީސް ތައްޔާރު ކުރެވި، މަސައްކަތައް ބޭނުންވާ ތަންތަން ތައްޔާރު ކުރުމުގެ މަސައްކަތް ދާނެ. ސެޕްޓެމްބަރު ތެރޭގައި ފެށިގެންދާނެ، އީއައިއޭ އެޕްރޫވް ވުމާއިއެކު، އެ ސަރަހައްދުތަކުގެ އިން ވަކިކޮށް އެމީހުންގެ ބައުންޑަރީ ތަކުގައި ބޯލްޑަރ ޖެއްސުމުގެ މަސައްކަތް. " ސޯބެ ވިދާޅުވިއެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާރިޗު މަހުއެވެ. އޭގެ ކުރީން ހިއްކާ ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ބިން ހިއްކާ ކުންފުނިން ކުރާނެއެވެ. މިއީ މިމަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ވީހާވެސް ބޮޑަށް ކުޑަކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ސޯބެ ވިދާޅުވިއެވެ. މީގެއިތުރުން މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުން 12 ހަފްތާ ތެރޭގައި މަސައްކަތް ނިންމާލުމަށް ތާވަލް ކުރެވިފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނުވައިދޭނެ މައްސަލައެއް ކަމަށް އައްޑޫސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއް ބައެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކާނެއެވެ. އަދި މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.