ކުޅިވަރު

ޖެންނޭ އާއި ތަހާ ދަ ގްރާންޑޭއަށް


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ކުލަބު އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ތަހާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.

އާދީއްތަ ދުވަހުގެރޭގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓު ނިމުނުއިރު، ކްލަބް އީގަލްސް އާއި، ވެލެންސިއާގެ އިތުރުން ދަ ގްރާންޑޭ އިން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ.

މި ޓްރާންސްފާ މާކެޓުގައި ދަ ގްރާންޑޭއިން ވަނީ އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ޖެންނޭ އާއި ތަހާގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅުނު ޑިފެންޑަރު ޖޯޖް އިވާން އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅުނު އަލީ އިފާޒްގެ ސޮއި ވެސް ހޯދައިފައެވެ.

ލެބަނަންގެ ކީޕަރު ތަހާ ވަނީ އެގައުމުގެ ޒުވާން ގައުމީ ޓީމުގައި ހިމެނި ކުޅެފައެވެ. މީގެ ކުރިން ލެބަނަންގެ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކަށް ތަހާ ކުޅެފައިވާއިރު އެ ކްލަބްތަކަކީ، ސަފާ ބެއިރޫތު ސްޕޯޓްސް ކްލަބާއި، ޝަބާބް ބުރޫޖް އަދި އަލް-އަހްލީ އެވެ.

މިދިޔަ އަހަރު މާޗު މަހު ތަހާ އީގަލްސްއާ ގުޅުނުއިރު، މި ސީޒަންގެ ވަކި ހިސާބަކުން އީގަލްސްއިން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައެވެ.

ތަހާގެ އިތުރުން ދަ ގްރާންޑޭއާ ގުޅުނު ޖެންނޭ ފާހަގަވެގެން އައީ ތިންވަނަ ޑިވިޝަނުންނެވެ. މާޒިޔާގެ ޒުވާން ޓީމަށްވެސް ކުޅުނު ޖެންނޭ ވަނީ ފަހުން މާޒިޔާގެ ސީނިއާ ޓީމަށްވެސް ކުޅެފައެވެ.

މީގެ ކުރިން މިދިޔަ ސީޒަނުގެ މެދުތެރެއިން ޖެންނޭ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސަސްއަށްވެސް ކުޅެފައެވެ.

މި ފަހަރުގެ ސީޒަނުގައި ވެސް ޖެންނޭ އަށް މާޒިޔާގެ މަދު މެޗަކުން ފުރުސަތު ލިބޭއިރު، ދަ ގްރާންޑޭއާ ގުޅެން ނިންމީ ގިނަ މެޗުތަކެއްގައި ކުޅެން ބޭނުންވާތީ އެވެ. ދާދި ފަހުން ނިމުނު އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާ އިން ކުޅުނު ފަހު މެޗުގައި ޖެންނޭ ވަނީ އެޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ބަދަލެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ.