ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތާއެކު ތެޔޮ ސްޓޯރޭޖެއް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މި މަޝްރޫއަކީ އެކުންފުނިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ.
އަމްރު ފާހަގަކުރެއްވިގޮތުގައި އެސްޓީއޯގެ ފިއުލް ޓާރމިނަލްއަކީ ވަރަށް ދުވަސްވެފައިވާ ޓަރމިނަލެއް ކަމަށެވެ. އަދި ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑު އިތުރުވެފައިވާއިރު، ފިއުލް ޓަރމިނަލް ހުރި ރަށް އިތުރަށް ބޮޑު ކުރެވެން ނެތް ކަމަށެވެ.
"މިހާރު ރާއްޖޭގެ ރިސޯޓުތައްވެސް 3 ގުނަ އިތުރުވެއްޖެ، ކޮންސްޓްރަކްޝަން ވަރަށް ބޮޑުވެގެން ހިނގައްޖެ، އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެރަށް އިތުރަށް ބޮޑުކުރެވޭކަށް، އެހެންވީމަ ވަރަށް މުޙިއްމުވޭ އެބަ ސްޓްރެޓެޖިކް ސްޓޯރޭޖެއް ފިއުލްއަށް ހަދަން،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކުވެސް 300އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށެވެ. އެހެންކަމުން މި ބޯޓުތަކަށް އަމާޒްކޮށްގެން ބައިނަލްއަޤްވާމީ ބަންކަރިންގެ ޙިދުމަތްތައް ދިނުމަށް ނިންމާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.
“ރާއްޖެ މި އޮންނަ ލޮކޭޝަންއަކީ ވަރަށްވެސް ތަފާތު ލޮކޭޝަނެއްކަން. ތިޔަބޭފުޅުންނަށް ފެންނާނެ ރަތް ކުލައާއި ފެހި ކުލައިގެ ރޮނގުތަކެއް ދާތަން. އެއީ އެންމެ އުތުރު. އެތާ ކައިރިން ލާފަ، ދުވާލަކު މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރޭ. އެ ސަރަހައްދުގައި ނެތް މާގިނައިނެއް އެއަކަށް ސާވިސް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސްޓްރެޓިކް ސްޓޯރޭޖާ އެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން،” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ފްލޯޓިންގ ސްޓޯރޭޖެއްގައި އިހަވަންދިއްޕޮޅުގައި އެ ޙިދުމަތް ފެށުން ކަމަށާއި، އެ ޙިދުމަތްދޭން ފެށުން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ކަމަށެވެ.