ސީދާ ރަޝިޔާއަށް ޙަމަލާދެވޭވަރުގެ ދުރުރާސްތާ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ދެކޮޅުހަދައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި ރަޝިޔާއިން ދެމުންދާ ޙަމަލާތައް ވަރުގަދަވެ އެ ޤައުމުގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައި ޔޫކްރެއިނުގެ ސަރުކާރުންވަނީ ދުރުރާސްތާ ހަތިޔާރު ބޭނުންވާކަމަށް ބުނެފައެވެ. އަދި އެފަދަ ހަތިޔާރު ހޯދުމަށް ޔޫކްރެއިނުގެ އިސްވެރިންވަނީ ހުޅަނގުގެ ބާރުތަކުގައި އެދިފައެވެ. ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވެވޭނީ އެފަދަ ދުރުރާސްތާ ހަތިޔާރު ލިބުމުންކަމަށެވެ. އޭގެ ތެރޭގައި ދުރުރާސްތާ މިސައިލާއި ބާރުގަދަ ރޮކެޓުތައް ހިމެނެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ސީދާ ރަޝިޔާއަށް ޙަމަލާދެވޭވަރުގެ ދުރުރާސްތާ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ދެކޮޅުކަމަށެވެ. ޝަރުތުތަކަކާއެކު ޔޫކްރެއިނުން ބޭނުންވާފަދަ ހަތިޔާރު އެ ޤައުމަށް ފޮނުވުމަށް ބައިޑަން މީގެ ކުރިންވަނީ ވިސްނަވާފައެވެ. ނަމަވެސް އެފަދަ ހަތިޔާރު ބޭނުންކޮށްގެން ސީދާ ރަޝިޔާއަށް ޙަމަލާދީފިނަމަ ނުކުމެދާނެ ނަތީޖާއާމެދު އެމެރިކާގެ އަސްކަރީ މާހިރުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް އެންމެ ބޮޑު އަސްކަރީ އެހީތެރިކަމެއް ޔޫކްރެއިނަށް ފޯރުކޮށްދީފައިވަނީ އެމެރިކާއިންނެވެ. އެ ޤައުމުންވަނީ ތިން މަސްދުވަހުގެ ތެރޭގައި 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އެނޫންވެސް އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުންވެސްވަނީ ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ދީފައެވެ.