ޚަބަރު

މަކުނުވިދުރި ބޮޑު ބަލިމަޑުކަމަކަށް ބަދަލުވުމުގެ ފުރުޞަތު ކުޑަ: ޞިއްޙަތާބެހޭ ޖަމުޢިއްޔާ


ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ހަލުވިކަމާއެކު މަކުނުވިދުރި ފެތުރުނު ނަމަވެސް ނުރައްކާތެރި ބަލިމަޑުކަމަށް ބަދަލުވެދާނެކަމަށް ޤަބޫލުނުކުރާކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.

މަކުނުވިދުރިއަކީ ދުނިޔެއިން ކަންބޮޑުވާން ޖެހޭވަރުގެ ބަލިމަޑުކަމެއްތޯ ބެލުމަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ މަސައްކަތް ފަށައިފައެވެ. އެއީ ކަންބޮޑުވާނެ ޖެހޭވަރުގެ ބައްޔެއްކަން ތަޙުޤީޤުތަކުން ދައްކައިފިނަމަ ކޯވިޑް-19އާއި އެބޯލާފަދަ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ ތަޙުލީލުތައް މަކުނުވިދުރިއާ ގުޅޭގޮތުން ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ފައިސާ ހަމަޖެހޭނެއެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވަނީ ހޯދުންތަކުން ދައްކައި ގޮތުގައި މަކުނުވިދުރިއަކީ އަދި ކަންބޮޑުވާން ޖެހޭވަރުގެ ބައްޔެއް ނޫންކަމަށެވެ. ނަމަވެސް މަކުނުވިދުރިއާ ގުޅޭގޮތުން އެނގެނީ ވަރަށް މަދު މަޢުލޫމާތުތަކެއްކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ. އެ ގޮތުން އެ ބަލިޖެހިފައިވާ މީހެއްގެ ގައިން އެހެން މީހަކަށް އެ ބަލިޖެހޭކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށާއި އެފަދަ ނިންމުމެއް ނިންމާނީ އެދެވޭ ތަޙުޤީޤެއް ކުރުމަށްފަހުކަމަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.

މަކުނުވިދުރި އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ގައިންގަޔަށްއަރާ މަކުނުވިދުރިއަކީ އެފްރިކާއިން ބޭރުގައި މީގެ ކުރިން ފެތުރިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި 300އަށްވުރެ ގިނަ މީހުންނަށްވަނީ މަކުނުވިދުރި ޖެހިފައެވެ. މަކުނުވިދުރި ޖެހުމުން ފުރާނައަށް ނުރައްކާވާކަމަކަށް ނުވެއެވެ. އެ ބަލީގެ މައިގަނޑު އަލާމާތަކީ ގަދައަށް ހުންއައުމާއި ގައިގައި ރިއްސުމާއި ވަރަށް ބޮޑަށް ފާރުވުމެވެ. އެ ބަލިން ފަސޭހަވާން ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި މާބަނޑު އަންހެންނަށްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

މަކުނުވިދުރިއަށް ޚާއްޞަ ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ކަށިވިދުރިއަށް ބޭނުންކުރާ ވެކްސިންނަކީ މަކުނުވިދުރިއާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.