މުނިފޫހިފިލުވުން

ކޯޓުގެ ކޯޅުންތަކަށްފަހު ޖޮނީ ޑެޕް އާ ފިލްމަކުން


މިދުވަސްވަރު އެންމެ މަޝްހޫރު އެއް ވާހަކައަކީ ޖޮނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ހައި ޕްރޮފައިލް ކޯޓް ކޭހުގެ ވާހަކައެވެ.

އެމެރިކާގެ މަޝްހޫރު އެކްޓަރ ޖޮނީ ޑެޕްގެ ކައިރިން އޭނާގެ އަންހެނުން ބަތަލާ އެމްބާ ހާޑް މީގެ ތިން އަހަރު ކުރިން ވަރިވީ ޑެޕް ގެވެށި އަނިޔާކުރާކަމަށް ބުނެއެވެ. މި ތުހުމަތުތަކާއި ގުޅިގެން މި ދެ ތަރިން ކޯޓުގައި ކޯޅުން ފެށުނީ ޑެޕް ވާޖިނިއާގެ ކޯޓަކަށް އެ މައްސަލަ ހުށައެޅުމުންނެވެ.

މިދިޔަ މަހު ޝަރީއަތްތައް ފެށި މި މައްސަލައިގެ އަޑުއެހުންތައް ކޯޓުން ނިންމާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. ކޯޓުގައި ހެކިބަސް ދެމުން އެމްބާ ހާޑް ވަނީ ޑެޕް މަސްތުގެ ހާލަތުގައި ހުރެ އެކި ފަހަރު މަތިން ގެވެށި އަނިޔާ ކުރިކަމަށް ކިޔާދީފައެވެ. މި ވާހަކަތައް އޭނާ ކިޔާދީފައިވަނީ ރޮމުން އަސަރާއެކުއެވެ. އެހެންނަމަވެސް ޑެޕް ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. އަދި އެމްބާ ހާޑް މި ތުހުމަތުތަކުގެ ސަބަބުން އެނާގެ ފިލްމީ ކެރިއަރަށް އަސަރުކޮށް ފިލްމުތައް ނުލިބޭކަމަށްވެސް ޑެޕް ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކޯޓްގެ އަޑުއެހުންތައް ނިމުމާއިއެކު ޑެޕް އިތުރު ފިލްމަކަށް ސޮއިކުރިކަމުގެ ހަބަރުތައް ވަނީ އިވެން ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑެޕް ސޮއިކުރީ ޓިމް ބާޓަންގެ ފެންޓަސީ ޑްރާމާ "ބީޓްލްޖޫސް" ގެ ދެވަނަބައިގެ ރޯލަކަށެވެ. މި ވާހަކަތަކަށް ޑެޕްވެސް "ބީޓްލްޖޫސް" ގެ ޕްރޮޑަކްޝަން ޓީމުންވެސް އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ބީޓްލްޖޫސް"ގެ ދެވަނަބައިން މީގެ އޮރިޖިނަލް ފިލްމުގެ ދެތަރިން ކަމަށްވާ މައިކަލް ކީޓަން އާ ވިނޯނު ރައިޑާވެސް ފެންނާނެއެވެ.
1998 ވަނަ އަހަރު ދެއްކި "ބީޓްލްޖޫސް" ގައި ދައްކަނީ މަރުވެފައިވާ ދެމަފިރިއެއްގެ ރޫހާއި އެމީހުންގެ ގޭގައި އުޅޭ ބަޔަކާއި ދެމެދު ހިނގާ ކަންތައްތަކެކެވެ.