ޚަބަރު

އީރާނަށް ދޫދިނުން ނިމުނީ، ޙަމަލާތަކުގެ އަގުދައްކަން ޖެހޭނެ: އިސްރާއީލް


އީރާނަށް ދޫދިނުން ނިމުމަކަށް ގެނެސް އެ ޤައުމާ ދެކޮޅަށް އަސްކަރީގޮތުން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ.

އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ވިދާޅުވީ އީރާނުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ޙަރަކާތްތެރިވަމުންދާ ޖަމާޢަތްތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަމަށެވެ. އަދި އެ ޖަމާޢަތްތައް ބޭނުންކޮށްގެން އިސްރާއީލާ ގުޅުންހުރި ފަރާތްތަކާ ދެކޮޅަށް އީރާނުން ޙަރަކާތްތެރިވަމުންދާކަމަށާއި އެއީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެކަމެއް ނޫންކަމަށް ބެނެޓު ވިދާޅުވިއެވެ. އެ ގޮތުން އެތައް އަހަރެއްވަންދެން އީރާނުންވަނީ ހަނގުރާމަވެރި ޖަމާޢަތްތައް މެދުވެރިކޮށް ނުސީދާކޮށް އިސްރާއީލާ ކުރިމަތިލާފައިވާކަމަށާއި މީގެ ކުރިން އިސްރާއީލުން އެ ޙަމަލާތަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ސިޔާސަތު ނިމުމަކަށް ގެނެސް އިސްރާއީލުންވެސް އަސްކަރީގޮތުން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އޭނާވަނީ ދެއްވައިފައެވެ.

އީރާނާ ކުރިމަތިލާނެކަމުގެ އިންޒާރު ޔަހޫދީންގެ ބޮޑުވަޒީރު ދެއްވާފައިވަނީ އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިއެއްކަމަށްވާ ކާނަލް ޙަސަން ސަޔާދު ޚުދައި އަވަހާރަކޮށްލާފައިވަނިކޮށެވެ. އީރާނުގެ ވެރިރަށް ތެހްރާނުގައި ކާރެއްގައި ޚުދައި ދަތުރުކުރައްވަނިކޮށް އަވަހާރަކޮށްލާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ދިން ބަޑީގެ ޙަމަލާއެއްގައެވެ. އެ ޙަމަލާ ދީފައިވަނީ ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާދުންކަމަށް އީރާނުންވަނީ ތުޙުމަތުކޮށްފައެވެ. ނަމަވެސް އިސްރާއީލުން އެ ޙަމަލާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިންވެސް މޮސާދުގެ ޖާސޫސުންވަނީ އީރާނާ ދެކޮޅަށް އެފަދަ ޙަމަލާތައް ދީފައެވެ. އެފަދަ ޙަމަލާތަކުގައި އީރާނުގެ އަސްކަރީވެރިންނާއި ސައިންސްވެރިންވަނީ މަރުވެފައެވެ.