ޚަބަރު

41500 ޓަނުގެ މުދަލާއި އެކު ކްރޮމް ރާއްޖެއަށް މިސްރާބު ޖަހައިފި


މޯލްޑިވްސް ސްޓޭޓް ޝިޕިންއިން މުޅިން އަލަށް ގަތް ބޯޓު "އެމްއެސްއެސް ކްރޮމް" 41500 ޓަނުގެ މުދަލާއި އެކު ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

މި ބޯޓަށް މުދާ ބަރުކޮށްފައިވަނީ ޔޫއޭއީއިންނެވެ. އެމްއެސްއެސް ކްރޮމަކީ ދިވެހި ދިދަ ނަގައިގެން ދުއްވާ އެންމެ ބޮޑު ކަނޑުބޯޓެވެ. މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓެކެވެ.

މި ބޯޓު މިމަހުގެ 6ވަނަ ދުވަހުގެ ރޭ ރާއްޖެއަށް އަންނާނެ ކަމަށް އެމްއެސްއެސްއިން ވިދާޅުވެއެވެ.
މި ބޯޓާއި އެކު އެމްއެސްއެމްގެ އަމިއްލަ ބޯޓުތަކުގެ ޢަދަދު 2އަކަށް ވަނީ އިތުރުވީއެވެ.

ހިލައާއި ހިލަވެއްޔަކީ ރާއްޖެއަށް ގިނަ ޢަދަދަކަށް އެތެރެކުރާ ބާވަތްތައްކަމަށްވާއިރު، ކްރޮމްގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރައްވައެވެ.

އެމްއެސްއެސްއިން ވަނީ އަންނަ މަހުގެތެރޭ އަދި އިތުރު ބޯޓެއް ގެނެސް ސިންގަޕޫރުން ރާއްޖެއަށް މުދާ ގެންނަން ފެށުމަށްވެސް ނިންމާފައެވެ. މީގެ ސަބަބުން ސިންގަޕޫރުން މުދާ ގެނައުން އަވަސްވެ ވިޔަފާރިވެރިންނަށްވެސް މާލީގޮތުންވެސް ބޮޑު ފައިދާއެއް ކުރާނެކަމަށް އެމްއެސްއެސްއިން ދެކެއެވެ.

އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފައެވެ. "އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ %99.99 އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް %0.01ވެސް އޮތީ އެސްޓީއޯގެ ސަބްސިޑަރީ ޖުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އަތުގައެވެ.