ވިޔަފާރި

ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލްކުރަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މިއަހަރު މިއެކްސްޕޯ ކުރިއަށްދާނީ 30 މެއި އިން 2 ޖޫންގެ ނިޔަލަށެވެ.

މިއަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކޯވިޑް19 ޕެންޑަމިކަށްފަހު ދުނިޔޭގެ ހޮސްފިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ ހަރަކާތެކެވެ. މި ކޮންފަރެންސްގެ ބޭނުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޙިޔާލު ބަދަލުކުރުމެވެ.

މި އެކްސްޕޯގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދުގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހައި މެންބަރުންގެ އިތުރުން 24 ޝެފުންނާއި 8 ޒުވާން ޝެފުންނެވެ.

ވޯލްޑް ޝެފްސް ކޮންގްރެސްގެ ހަވާސާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ދިވެހި ޝެފުންގެ ޑެލިގޭޝަނުން ބައިވެރިވާނެއެވެ. އޭގެތެރެއިން ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީންކުރުމަށް ބާއްވާ "ކޮންޕެޓިޝަން ސެމިނަރ" ގައި ރާއްޖޭގެ ބައެއް ޝެފުން ބައިވެރިވާނެއެވެ.

މިއަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައިވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ މިދާއިރާގެ މާހިރުން ކީނޯޓް ސްޕީޓްތަކާއި، ދުނިޔޭގެ 50 ޤައުމަކުން 80 ކަލިނަރީ ސްކޫލް ތަމްސީލްކޮށް ބާއްވާ އެޑިޔުކޭޓާރސް ފޯރަމްއެއް އޮންނާނެއެވެ. މީގެއިތުރުން "ގްލޯބަލް ޝެފް ޗެލެންޖް" އާއި، ވޯލްޑް ޝެފްސް އެކްސްޕޯގެ އިތުރުން 25 އަހަރުން ދަށުގެ ޝެފުންނަށް އަމާޒުކޮށްގެން ބާއްވާ "ބިލީ ގެލެގަރ ޔަންގް ޝެފްސް ފޯރަމް" އެއްވެސް އޮންނާނެއެވެ.