ކުޅިވަރު

އީސްޓާން ކޮންފަރެންސްގެ ޗެމްޕިއަންކަން ސެލްޓިކްސްއަށް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގައި ހިމެނޭ އީސްޓާން ކޮންފަރެންސްގެ ފައިނަލުގެ ޗެމްޕިއަންކަން ހޯދައި، ޕްލޭއޮފްގެ ފައިނަލުން ބޮސްޓަން ސެލްޓިކްސް ޖާގަ ހޯދައިފިއެވެ.

އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ސެލްޓިކްސްއިން ހޯދީ ފައިނަލްގައި މައޭމީ ހީޓް އާއި ބައްދަލުކޮށް ކުޅުނު ހަތް މެޗްގެ ސީރީޒް ހަތަރު މެޗް ތިން މެޗުން ކާމިޔާބުކޮށްގެންނެވެ.

މި ދެޓީމްގެ މެދުގައި ރޭ ކުޅުނު ހަތްވަނަ މެޗް ސެލްޓިކްސް ރަށުން ބޭރުގައި ކާމިޔާބުކުރީ 100 ޕޮއިންޓް 96 ޕޮއިންޓުންނެވެ. އަމިއްލަ ކޯޓުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅުމުގެ ފައިދާ މިމެޗްގައި ހީޓްއަށް ނެގޭގޮތެއް ނުވިއެވެ. މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުނުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ. އަދި ހީޓްގެ ޖިމީ ބަޓްލާ ވަނީ 35 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ.

މިކާމިޔާބީއާއެކު އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ސެލްޓިކަށް ލިބުމުގެ އިތުރުން މިވަނީ ޕްލޭއޮފް ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. ފައިނަލްގައި ސެލްޓިކްސް ބައްދަލުކުރާނީ ވެސްޓާން ކޮންފަރެންސްގެ ޗެމްޕިއަން ޓީމް ކަމަށްވާ ގޯލްޑަން ސްޓޭޓް ވޮރިއާސްއާއެވެ. ޕްލޭ އޮފް ފައިނަލް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ ދެވަނަ ދުވަހުއެެވެ. ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ވޮރިއަރސްގެ ކޯޓުގައެވެ. މިފައިނަލްވެސް ކުޅެނީ ހަތް މެޗްގެ ތެރެއިން އެންމެ ގިނަ މެޗް ކާމިޔާބުކުރާ ޓީމަކަށް ފައިނަލް ކާމިޔާބުވާ ގޮތަށެވެ.