ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ރަފައެލް ނަޑާލް އާއި ނޯވަކް ޖޮކޮވިޗް ވާދަކުރަން ޖެހިއްޖެއެވެ.
މި ދެ ކުޅުންތެރިންވެސް ވަނީ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު ދެ މެޗް ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ނަޑާލް ޖާގަހޯދީ ހަތަރުވަނަ ބުރުގައި ފީލިކްސް އައުގާއާ ވާދަކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިމެޗް ވެގެން ދިޔައީ ނަޑާލްއަށް މާފަސޭހަ މެޗަކަށް ނޫނެވެ. އަދި މިމެޗް ވެގެންދިޔައީ މިފަހަރުގެ މުބާރާތުގައި އޭނާއަތުން ސެޓެއް ގެއްލުނު ފުރަތަމަ މެޗަށެވެ. މިމެޗްގެ ފުރަތަމަ ސެޓް ތިނެއް ހަޔަކުން ކާމިޔާބުކުރީ ފީލިކްސްއެވެ. ނަމަވެސް ޖެހިގެން އައި ދެސެޓް ނަޑާލްވަނީ ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ފީލިކްސްވަނީ ހަތަރު ވަނަ ސެޓް ތިނެއް ހަޔަކުން ކާމިޔާބުކޮށް މިމެޗް ފަސްވަނަސެޓަކަށް ގެންގޮސްފައެވެ. އަދި ފަހު ސެޓް ހައެއް ތިނަކުން ކާމިޔާބުކުރީ ނަޑާލްއެވެ. މިކާމިޔާބީއާއެކު ނަޑާލް ކްއާޓަރ ފައިނަލުން ޖާގަހޯދާފައިވާއިރު، ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ޖޯކޮވިޗްއާއެވެ.
ޖޯކޮވިޗް ކްއާޓަރ ފައިނަލުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި މިމުބާރާތުގައި ފަނަރަވަނައަށް ސީޑް ކުރެވިފައިވާ ޑިއޭގޯ ޝުވާޓްމަންއާ ބައްދަލުކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް އެކެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ޖޯކޮވިޗް އާއި ނަޑާލްގެ މިކުރިމަތިލުމަކީ މިދެކުޅުންތެރިން ވާދަކުރާ 59 ވަނަ މެޗަށް ވެގެންދާނެއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ކާލޯސް އަލްކަރާޒް އާއި އެލެގްޒެންޑަރ ޒުވަރޭވްވެސް ވަނީ ޖާގަހޯދާފައެވެ. އަލްކަރާޒް ކްއާޓަރ ފައިނަލުން ޖާގަހޯދީ ހަތަރުވަނަ ބުރުގައި ކަރެންއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް އެކެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ޒްވަރޭވް ކްއާޓަރ ފައިނަލުން ޖާގަހޯދީ ބާނަބޭ ޒަޕާޓާއާ ބައްދަލުކުރިމެޗް ހަތެއް ހައެއް، ހަތެއް ފަހެއް އަދި ހައެއް ތިނަކުން ކާމިޔާބުކޮށްގެންނެވެ.