ކުޅިވަރު

ލިވަޕޫލަށް ލިބުނު ދެ ތަށި އާންމުންނަށް ދައްކާލުމަށް ޕެރޭޑެއް ބާއްވައިފި


ލިވަޕޫލް ފުޓްބޯޅަ ކުލަބަށް މި ސީޒަންގައި ލިބުނު ދެ ތަށި ކަމަށްވާ އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕްގެ ތަށި އާންމުންނަށް ދައްކާލުމަށް، ލިވަޕޫލުގެ މަގުމަތީގައި ޕެރޭޑެއް ބާއްވައިފިއެވެ.

މިޕެރޭޑާއެކު ލިވަޕޫލްގެ މަގުތައް އޮތީ މުޅިން ރަތްވެފައެވެ. މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުންދިޔަ ލިވަޕޫލުން މި ޕްރޭޑް ބާއްވާފައިމިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވިތާ އެއްދުވަސް ފަހުންނެވެ. އަދި ބުނެވޭގޮތުގައި ބައެއް ކުޅުންތެރިން މިޕެރޭޑްގައި ބައިވެރިވާން އެހާ ބޭނުމެއްވެސް ނުވިއެވެ.

ނަމަވެސް ޕެރޭޑް ފެށުމާއެކު ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ތަރްހީބާއެކު އެކަން ފަހުން ބަދަލްވެގެން ދިޔަކަމަށްވެއެވެ. ލިވަޕޫލްގެ މޭޔަރ ޖޮއާން އެންޑަރސަން ހާމަކުރިގޮތުގައި ލިވަޕޫލް ފުޓްބޯޅަ ކްލަބުންވަނީ އެރަށުގެ ރައްޔިތުން ފަހުރުވެރިކޮށްލާފައެވެ.

ލިވަޕޫލް ވިމެން އަށް މިއަހަރުގެ އެޕްރީލްމަހު ލިބުނު ވިމެންސް ޗެމްޕިއަންޝިޕް ޓްރޮފީ އެޓީމުންވެސް ވަނީ ދައްކާލާފައެވެ. މިޕްރޭޑްގައި ކުޅުންތެރިން ގޮވައިގެން ދަތުރު ކުރި ބަސްތައް ވަނީ ލިވަޕޫލްގެ ފާހަގަކޮށްލެވޭ ހުރިހާ ސަރަހައްދަކުން ދަތުރުކޮށްފައެވެ. އަދި ޕެރޭޑް ނިންމާލާފައިވަނީ ސިޓީ ސެންޓަރއަށެވެ.