ދުނިޔޭގެ ވިޔަފާރި

މުޅި ދުނިޔޭގެ އިޤްޠިޞާދު ދަށަށް ހިނގައިދާނެ - ވޯލްޑް ބޭންކް


ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެކަމަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޗޭމްބާ އޮފް ކޮމާސް އިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މަލްޕާސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަރުމަނުވިލާތުގެ އިޤްޠިޞާދު މިހާރުވެސް ހީނަރުވެފައިވާ ކަމަށެވެ. އަދި މިހެން ދިމާވީ ހަކައިތައިގެ އަގު މަތިވުމުން ކަމުގައިވެސް މަލްޕާސް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނާ ރަޝިއާގެ އިޤްޠިޞާދަށް އަސަރުކޮށްފައިވާއިރު ޔޫރަޕް، ޗައިނާ އަދި އެމެރިކާ އިޤްޠިޞާދުވެސް ދުވެލި މަޑުވެފައިވާ ކަމަށް މަލްޕާސް ވިދާޅުވިއެވެ. މީގެއިތުރުން ހަކަތާ އާ ކާނާ އަދި އެނޫންވެސް ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްޠިޞާދު އަދި މާ ހާލުދެރަކަމަށްވެސް މަލްޕާސް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އިޤްޠިޞާދީ ދުވެލި މަޑުވެފައިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި އިންފްލޭޝަން މަތިވުމުގެ ސަބަބުން ކަމަށްވެސް މަލްޕާސް ވަނީ ފާހަގަކުރައްވާފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްޠިޞާދު ކުރިއަރާނީ އެންމެ 3.2 އިންސައްތައަށް ކަމަށް ވޯލްޑް ބޭންކުން މިހާރުވެސް ވަނީ އަންދާޒާކޮށްފައެވެ. މި އަދަދު މީގެކުރިން ހުރީ 4.1 އިންސައްތައިގައެވެ.