ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ކުލަބު އީގަލްސްއިން މިސްރުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު އަޙްމަދު ސޯބީގެ އިތުރުން ކުލަބު ގްރީން ސްޓްރީޓްސްގެ ސްޕެއިންގެ މިޑްފީލްޑަރު އެންހެލް ކަރަސްކޯ މުނޯޒްގެ ސޮއި ހޯދައިފިއެވެ.
ރާއްޖޭގެ ޓްރާންސްފާ ބާޒާރު ރޭ ބަންދުވިއިރު ކުލަބުތަކުން ވަނީ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ. އޭގެ ތެރޭގައި ވެލެންސިއާ އާއި އީގަލްސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ހިމެނެއެވެ.
މިސްރުގެ ގައުމީ ޓީމަށް ދެ މެޗު ކުޅެފައިވާ ސޯބީ އެންމެ ފަހުން ކުޅެފައިވަނީ މިސްރުގެ ޕްރިމިއާ ލީގުގެ އަސްވާން ސްޕޯޓްސް ކްލަބަށެވެ. މީގެ ކުރިން ސޯބީ ވަނީ މިސްރުގެ އެލް ގޫނާ، ސްމޯހާ، ޕެޓްރޯޖެޓް، އަލް މުހަލޫން އަދި އެންފީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އީގަލްސްއަކީ އޭނާ ގައުމުން ބޭރުގައި ކުޅޭނެ ފުރަތަމަ ކްލަބެވެ.
ސޯބީގެ އިތުރުން އީގަލްސްއިން ވަނީ އުމުރުން 32 އަހަރުގެ މުނޯޒްގެ ސޮއި ހޯދައިފައެވެ. މުނޯޒަކީ ދިވެހި ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މިއީ މުނޯޒް އީގަލްސްއާ ގުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުވެސް މުނޯޒް ވަނީ އީގަލްސްއަށް ކުޅެފައެވެ. އީގަލްސްގެ އިތުރުން މުނޯޒް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކްލަބްތަކަކީ، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އއ. މާޅޮސް ފުޓުބޯޅަ ޓީމެވެ.