ކުޅިވަރު

އުމެއިރު، ބެންޖޯ އަދި ތޮއްޕެ ވެލެންސިއާއަށް


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިތުރުން ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އަންނަ އަލީ ޝާމިސް (ތޮއްޕެ) ކުލަބު ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ އުމެއިރު ވެލެންސިއާއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އުމެއިރު ވެލެންސިއާ އާއި ގުޅުނުކަން ވެލެންސިއާއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާއިރު، މިއީ އުމެއިރު ވެލެންސިއާ އަށް ކުޅޭ ފުރަތަމަ ފަހަރެވެ.

ވެލެންސިއާއަކީ އުމެއިރު ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ހަ ވަނަ ކްލަބެވެ. މީގެ ކުރިން އުމެއިރު ވަނީ މާޒިޔާގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވީބީ އައްޑޫ އެފްސީ ގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅެފައެވެ. އުމެއިރުގެ ކެރިއަރުގައި ތިންވަނަ ފަހަރަށް މާޒިޔާއަށް ސޮއިކުރީ 2020 ވަނަ އަހަރުގައެވެ. އޭގެ ފަހުން މާޒިޔާއަށް ގިނަ މެޗުތަކެއް އުމެއިރު ކުޅެދިން ނަމަވެސް ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް ހަވާލުވި ފަހުން އުމެއިރުއަށް ކުޅުމުގެ ފުރުސަތު ލިބުނީ ދެ މެޗެއްގައެވެ.

މި ސީޒަނުގައި ސަސްގެ ކެޕްޓަން ބޭންޑް އަޅައިގެން އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބެންޖޯ ވެލެންސިއާއަށް ބަދަލުވިކަން ވެސް ހާމަކޮށްފައިވަނީ ވެލެންސިއާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށެވެ. މިއީ ބެންޖޯ ވެލެންސިއާގެ ޖާޒީގައި ފެންނާނެ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014-2015 ވަނަ އަހަރުގެ ސީޒަނުގައިވެސް ބެންޖޯ ވަނީ ވެލެންސިއާގެ ޖާޒީގައި ކުޅެ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެންވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.

ބެންޖޯ ކެރިއަރު ފެށީ 2005 ވަނަ އަހަރު ހުރިއްޔާ އެފްސީންނެވެ. އޭގެ ފަހުން ބެންޖޯ ވަނީ ވީބީ އައްޑޫ އެފްސީ، އީގަލްސް، ނިއު ރޭޑިއަންޓް، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އަދި އެންމެ ފަހުން ފެނުނީ ސަސް ޓީމުންނެވެ. ސަސް އިން މި ފަހަރު ލީގުގައި ކުޅުނު 10 މެޗުގައި ބެންޖޯ ވަނީ އެ ޓީމަށް ތިން ލަނޑު ޖަހައިދީފައެވެ.

އުމެއިރާއި ބެންޖޯގެ އިތުރުން ހުނަރުވެރި ޑިފެންޑަރު ތޮއްޕެ ވެސް ވަނީ ވެލެންސިއާއަށް ބަދަލުވެފައެވެ. އެކަންވެސް އިއުލާންކޮށްފައިވަނީ ވެލެންސިއާގެ ސޯޝަލް މީޑިއާގައެވެ. ގްރީން ސްޓްރީޓާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ތޮއްޕެ ވަނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.

ވެލެންސިއާއިން އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރަން ފަށާފައިވަނީ ލީގުގެ ދެވަނަ ބުރުގައި މުހިންމު މެޗުތަކަކުން އެ ޓީމު ބަލިވެ ގަދަ ހަތަރަކުން ބޭރުވެފައިވާ ދަނޑިވަޅެއްގައެވެ.