ޚަބަރު

ރަނިލް ބޭނުންފުޅުވަނީ ލަންކާގެ ރައީސާއި ވަޒީރުން މަޖިލީހަށް ޖަވާބުދާރީކުރުވަން


ސުރީ ލަންކާގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ގޮތަށް ޤާނޫނުތަކަށް ބަދަލުގެނައުމުގެ މަސައްކަތްކުރައްވަމުންދާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމުން މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވައިފައެވެ. އެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ރަނިލްވަނީ އިޞްލާޙީ ބަދަލުތަކެއް ގެންނަވައި ޤައުމުގެ ޙާލަތު ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އެ މަސައްކަތްތަކަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަންދެއްވައިފައެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވަމުން ރަނިލް ވިދާޅުވީ ސުރީ ލަންކާގެ ރައީސާއި ވަޒީރުން މަޖިލީހަށް ޖަވާބުދާރީކުރެވެން ޖެހޭނެކަމަށެވެ. އަދި ޤާނޫނުތަކަށް ބަދަލުގެނެސްގެން މަޖިލީހަށް އިތުރު ބާރުތައް ދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާވަނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ކޮމިޓީތަކެއް މަޖިލީހުގައި ޤާއިމުކުރުމަށްވެސް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި މާލީ ކޮމިޓީއަކާއި ސަރުކާރު ޖަވާބުދާރީކުރުވާ ކޮމިޓީތައް ހިމެނެއެވެ.

2020ވަނަ އަހަރުގެ ތެރޭގައި ގޮތަބަޔާވަނީ އޭނާއަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުތައް އިތުރުކުރައްވައިފައެވެ. އެ ބާރުތައް އަލުން ހަނިކޮށް މަޖިލީހަށް ބާރުތައް ލިބޭ ގޮތަށް ނިންމުމަށް ދުވަސްތަކެއް ނަގާނެއެވެ. އަދި އެ ބަދަލުތައް މަޖިލީހުން ފާސްވެސްކުރަން ޖެހޭނެއެވެ.