ޚަބަރު

ބެނާ ނަގަން އަމުރުކުރީ ޤާނޫނާ ހިލާފަށް


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެެވެ.

ހ. ދޫވެހީގައި ހަރުކޮށްފައި ހުރި ބެނާ މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ނެގީ އާއްމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރުމުގެ ތުހުމަތުގައި، ކްރިމިނަލްކޯޓްގެ އަމުރެއްގެ ދަށުންނެވެ. ދަށުކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރެއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.

މި މައްސަލަ ނިންމާ ދަށު ކޯޓްގެ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވާ ހުކުމްކުރީ ހައިކޯޓްގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުންގެ ނިންމުމުގައި ވަނީ ހ. ދޫވެހީގައި ހަރުކޮށްފައި ހުރި ބެނާ ފުލުހުން ނެގީ އާއްމު މަސްލަހަތަށް ގެއްލުންވާކަމަށް ތުހުމަތުކޮށް ނަމަވެސް އެ ބެނާ ހަރުކުރުމުން އާއްމު މަސްލަހަތަށް ގެއްލުންވާ ސަބަބެއް ފުލުހުންނަށް ބުނެ ނުދެވުނުކަމަށެވެ. އަދި އެ ބެނާ ނަގަން ދަށު ކޯޓުން އަމުރު ނެރެދިނުމުގައި ބަލަންޖެހޭ ކަންކަމަށް ބަލާފައި ނުވާކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވެއެވެ. ހަމައެކަނި ފަނޑިޔާރަށް ގަބޫލުކުރެވޭ ގޮތަށް ކޯޓު އަމުރެއް ލިޔެވިގެން ނުވާނެކަމަށާއި އެ ނިންމުމަށް ވާސިލުވި ގާނޫނީ ސަބަބެއް ބަޔާންކޮށްފައި ނެތްކަމަށްވެސް ހައިކޯޓްގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި ހުކުމުގައިވެއެވެ.

ހ. ދޫވެހީގައި ހުރި ބެނާ ނަގަން ނެރުނު އަމުރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަމުރެއްކަމަށް މައްސަލަ ހުށައެޅި ފަރާތުން ބުނި ނަމަވެސް އެއީ އެ މައްސަލައިގެ ތެރެއިން ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލަތަކާއި ގުޅޭ ކަމެއްކަމަށާއި ޤާނޫނު އަސާސީން ލިބިދޭ ކޮންމެ ހައްގަކާއި އެކު ގައިދުތަކެއް އޮންނަކަންވެސް ހައިކޯޓްގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.