ޚަބަރު

ޅެންވެރިންގެ މަސައްކަތްތައް ފާހަގަކުރަން ޖެހޭ - ދިފާޢީ ވަޒީރު


ދިވެހި ޅެންވެރިން ވަނީ ޤައުމުގެ ތަހުޒީބާއި ތަމައްދުންގެ ޖަޒްބާތީ ވާހަކަތައް ކިޔައިދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި އެހެންކަމުން، ޅެންވެރިންގެ މަސައްކަތަކީ މިޤައުމުގައި ކޮންމެހެން ފަހަގަކުރަން ޖެހޭ މަސައްކަތްތަކެއްކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.ދިފާޢީ ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، ރޭ ހއ. ހޯރަފުށީގައި ބޭއްވެވި 27 ވަނަ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޅެންވެރިންގެ ދުވަހެއް ފާހަގަކުރެއްވުމުގެ މަޤްޞަދަކީ ޅެންވެރިންގެ އަދަބީ ޚިދުމަތް ފާހަގަކުރެއްވުމާއި، އެފަރާތްތަކަށް ހިއްވަރުދެއްވައި، ޅެންވެރިކަން ތަރައްޤީކުރުމަށް ބާރުއެޅުއްވުމެވެ. ރާއްޖޭގައި ޅެންވެރިންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދަވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. ޖެނުއަރީ 15 ވަނަ ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަނީ އެދުވަހަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ފާހަގަކޮށްލެވުނު މަޝްހޫރު ޅެންވެރިޔާކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަސް ކަމަށްވާތީ އެމަނިކުފާނުގެ އަދަބީ އަދި ޚާއްޞަކޮށް ޅެންވެރިކަމުގެ ޒިކުރާ އާކުރެއްވުމުގެ ގޮތުންނެވެ.މިއަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރެއްވުމަށް ހއ. ހޯރަފުށީގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދިފާއީ ވަޒީރު އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި، މިހާރަކަށް އައިސް ދިވެހިބަހުން ވާހަކަދައްކުމުގައި އަދި ތާނަ އަކުރުން އެއްޗެއް ލިޔުމުގައި ގިނައަދަކަށް ބޭރުބަސްތައް މަސްހުނި ކުރަމުންދާކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކުންވެސް ބަހަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.ޅެންވެރިންގެ ދުވަހުގެ މައިގަނޑު ޙަރަކާތްތައް މިފަހަރު ހޯރަފުށީގައި ހިންގެވުމުގެ އެންމެބޮޑު މަޤްޞަދަކީ ޅެންވެރިކަމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށްވާ އަލްމަރުޙޫމް ހޯރަފުށީ އާދަމް ސަލީމްގެ ޚިދުމަތަށް މިއަހަރުގެ ޅެންވެރިންގެ ދުވަހު ޚާއްޞަ އިސްކަމެއް ދެއްވުމެވެ. ޅެންވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ޖަލްސާގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ދެއްކެވި ވާހަކައިގައި މަރުޙޫމް އާދަމް ސަލީމްގެ އަދަބީ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމާއި އަދި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.މި ޖަލްސާގައި "ޅެން މާފާޅު" މުބާރާތުން އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވާފައިވެއެވެ. އަދި ދިވެހި ޅެންވެރިންގެ އަގު ވަޒަންކުރެއްވުމުގެ އިތުރުން، ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ދެ ޅެންފޮތް ނެރުއްވާފައިވެއެވެ. އަދި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ޅެންވެރިޔާ އުތީމު އާދަމް ޢަބްދުއްރަޙުމާނަށް މިރަސްމިއްޔާތުގައި އަތޮޅުގެ ޝަރަފުވެރި ޅެންވެރިޔާގެ އެވޯޑްވެސް ދެއްވާފައިވެއެވެ. މީގެ އިތުރުން ދިވެހިބަހުގެ އެކަޑަމީން އެކުލަވާލައްވާ، ޅެންވެރިންގެ ދަފްތަރުގައި ހިމެނޭ ހއ. އަތޮޅުގެ ޅެންވެރިންނާއި އަދީބުގެ ދަފްތަރުވެސް މި ރަސްމިއްޔާތުގައި އިޢުލާންކުރެއްވިއެވެ. "ޅެންވެރިންގެ ޚާއްސަ ހަދިޔާ" ގެ ނަމުގައި ޚާއްޞަ ލަވައެއްވެސް މި ޖަލްސާގައި ތަޢާރަފުކުރައްވާފައިވެއެވެ.