ކ. އަތޮޅު މަދަރުސާގައި ކުޑަކުދިންގެ ރައްކާތެރިކަމާއި، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހަނގާކުރުން ހުއްޓުވުމާއި ގުޅޭގޮތުން ޙާއްސަ ސެޝަންތަކެއް ބާއްވައިފިއެވެ.
މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެހީތެރިކަމާއިއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކ. އަތޮޅު މަދަރުސާގައި މިސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ސްކޫލްގެ ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެންނެވެ. މިސެޝަންތަށް ނަންގަވައިދެއްވީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑައިރެކްޓަރ ޖެނެރަލް އައިމިނަތު ރިޝްމީ އާމިރު އާއި ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު ސާނިހާ ސާލިހުއެވެ.
ބެލެނިވެރިންނަށް ޙާއްސަކޮށް ކުރިއަށް ގެންގޮސްފައިވާ މިސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ފައުންޑޭޝަން ސްޓޭޖް އަދި ގްރޭޑް 1 ކުން ފެށިގެން ގްރޭޑް 6 ގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންނެވެ.
މިސެޝަންތަކުގައި ދަރިވަރުންގެ މައްސަލަތަކާއި ގުޅޭގޮތުން ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި އެކަންކަމަށް ހުރި ހައްލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ކ. އަތޮޅު މަދަރުސާގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ސެޝަންތަކުގައި ސްކޫލްގެ ދަރިވަރުންގެ ފަރާތުން ފެންނަ ކަންތައްތަކާއި ދިމާވާ މައްސަލަތަކުގެ އިތުރުން ޓީޗަރުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި މިކަންކަން ހައްލުކުރުމުގެ ގޮތުން މަޝްވަރާތަށް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޝަންގައި އެސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ބައިވެރިވެފައެވެ.
ކ. އަތޮޅު މަދަރުސާގެ ގްރޭޑް 5، 6، 7، 8 އަދި 9ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހަނގާކުރުން ހުއްޓުވުމާއި ގުޅޭގޮތުން ވަނީ ވަރަށް ޙާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މިސެޝަންތަކުގައި އަހުލާގު ބައްޓަންކުރުމާއި އެކަކު އަނެކަކަށް މާފުކުރުމާއި އޯގާތެރިވުމަކީ ހަނގާކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައްކަމަށް ވަނީ އަލިއަޅުވާލާފައެވެ.
ސްކޫލްތަކުގައި ހުންނަ މިފަދަ މައްސަލަތަކަށް ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުން އަހުލުވެރިކުރުވުމުގެގޮތުން ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންނަނީ މިފަދަ މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވަމުންނެވެ.