ކުޅިވަރު

ވެމްކޯ އާއި ޕޮލިހުން ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކްލަބް ވެމްކޯއިން ކުޅުނު މެޗު، ޔޫތު ނިއު ޖެނެރޭޝަން އާއި ވާދަކޮށް ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

މި މެޗުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ، 25-07، 25-07 އަދި 25-08 އިންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބް ބައްދަލުކުރީ، ދިވެހި ސިފައިންގެ ކްލަބާއެވެ. ވާދަވެރި ކުޅުމެއް މެޗުގައި ފެނިގެންދިޔަ ނަމަވެސް މި މެޗު ޕޮލިސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ޕޮލިސް ކްލަބުން ކާމިޔާބުކުރީ 25-15، 31-29 އަދި 25-19 އިންނެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލައިން ލިންކޭޖެވެ.