ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފައިނަލް ފެށުން ލަސްކުރަން ޖެހުނީ ސަލާމަތީ ސަބަބުތަކާހުރެ: ޔުއެފާ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފެށުން ލަސްކުރަން ޖެހުނީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ޔުއެފާއިން ހާމަކޮށްފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ސްޓާޑޭ ޑި ފްރާންސްގައި ލިވަޕޫލާއި ރެއާލް މެޑްރިޑުގެ މެދުގައި ކުޅުނު މި މެޗު ފެށުނީ ކުރިން ފަށަން އޮތް ގަޑިއަށް ވުރެ 36 މިނެޓު ފަހުންނެވެ.

ބައެއް މަންޒަރުތަކުން ފެނުނު ގޮތުގައި މެޗު ފެށެން ގާތްވަމުން ދިޔައިރު ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑު ކައިރިއަށް އެއްވެފައި ތިއްބެވެ. އެއާއެކު ފްރާންސްގެ ފުލުހުން ވަނީ މެޗު ފެށެން 20 މިނެޓަށް ވެފައިވަނިކޮށް ދަނޑަށް ވަންނަމުންދިޔަ ސަޕޯޓަރުން ގަދަކަމުން ވަނުމަށް މަސައްކަތް ނުކުރުމަށް އެދި ޓްވީޓުކޮށްފައެވެ.

ރޭގެ މެޗު ފެށުނުއިރުވެސް ދަނޑުގެ ބައެއް ސަރަހައްދުތައް ހުސްކޮށް އޮތްތަން ފެނުނުއިރު، ދަނޑު ބޭރުގައި ބައެއް ސަޕޯޓަރުން ޕެރިމިޓާ ފެންސުތައް މަތިން ގޮސް، ސެކިއުރިޓީ ފަހަނަ އަޅައި ދެވޭތޯ މަސައްކަތް ކުރަމުންދިޔަތަންވެސް ފެނިގެންދިޔައެވެ. އަދި ބައެއް ސަޕޯޓަރުން ގަވައިދާ ޚިލާފަށް ދަނޑަށް ވަނުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ކަރުނަގޭސްވެސް ޖަހާފައެވެ.

ޔުއެފާއިން ބުނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ދަނޑަށް ވަނުން ލަސްވެގެންދިޔައީ މެޗު ފެށެން ވަގުތު ގާތްވެފައިވަނިކޮށް، އެއް ފަހަރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނުމަށް މަސައްކަތް ކުރުމުން ކަމަށެވެ.