ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ "ވިޔަވަތި" ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެނަވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑީކާޑު ރާއްޖޭގައި ބޭނުންކުރަން ފެށިއަސް، އައިޑީކާޑު ޕްރިންޓު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓްރީތަކާއި ގުޅިގެން އެމަސައްކަތުގަައި މިހާރު ކުރަމުން އަންނަނީ ޑޭޓާ އެންޓާކުރުންކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
"ސަރުކާރުގެ އަމާޒަކީ ޒަމާނީ ފަސޭހަތަކާ އެކު ޙިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ވެސް ލުއި ފަސޭހަވާނެ ގޮތަށް ނިޒާމުގެ ކަންކަން ކުރިއަށް ގެންދިއުން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ.
މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވާ، އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މަޢުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ޤާއިމްކުރެވިގެންދާނެއެވެ. އަދި ދަޢުލަތުގެ އިދާރާތަކަށާއި ދަޢުލަތް ހިއްސާވާ ކުންފުނިތަކަށް މި ޚިދުމަތް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ(އެން.ސީ.އައި.ޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) ގުޅިގެން ތަރައްޤީކޮށް ހިންގުންވެސް ހިމެނެއެވެ.
ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރިކޮށް މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމެވެ. މިކޮންފަރެންސް 3 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި ފެށި ކޮންފަރެންސެވެ.