ވިޔަފާރި

ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް 70އަށްވުރެ ގިނަ ކައުންސިލާއި މަޝްވަރާކޮށްފި


ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ "ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް 70 އަށްވުރެ ގިނަ ރަށު ކައުންސިލާއި ބައްދަލުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް"އަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކައުންސިލްތައް އިންތިހާބުވެގެން ރަށްރަށުގައި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުންތަކަށްފަހު މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ އަތޮޅުތަކަށް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަތުރުތައް ފަށާފައެވެ. މި ދަތުރު އެންމެ ފުރަތަމަ ފަށާފައިވަނީ ހއ. އަތޮޅަށެވެ. މި ދަތުރުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއެވެ.

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް" އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާރު ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށަށް އެ މިނިސްޓްރީން ދަތުރުކޮށްފައިވާކަމަށެވެ. ދަތުރުގެ ތެރެއިން އެންމެ ބޮޑަށް ހާމަވެގެންދިޔައީ ކައުންސިލްތަކުން ރަށްރަށުގައި އިޤްތިޞާދީ ހަރަކާތެއް ބާއްވަން ބޭނުންވާ މިންވަރުކަމަށާއި، ހުރިހާ ރަށަކުންވެސް ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު 70 އަށްވުރެ ގިނަ ރަށައް ދަތުރުވެސް ކުރެވިއްޖެ. ވަރަށް ބޮޑަށް ކައުންސިލްތަކުން ރަނގަޅު އިޤްތިޞާދީ ހަރަކާތެއް ރާއްޖޭގައި އެބޭފުޅެއްގެ ރަށެއްގައި ފަށަން ބޭނުންވޭ. އެންމެ ފަސޭހައިން އެންމެ ރަނގަޅަށް ކާމިޔާބުކަމާއިއެކު ފެށިގެން ކުރިއަށްގެންދެވޭނެ އެއް އިޤްތިޞާދީ ހަރަކާތެއްގެ ގޮތުގައި މިއޮތީ ޓޫރިޒަމް. ޓޫރިޒަމް މިއޮތީ ލާމެހިފައި އެހެން ހުރިހައި އިޤްތިޞާދީ ކަންކަމާއި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ކައުންސިލްތަކުގައި މިހާރު ތިބީ ފަތުރުވެރިކަމުގައި ވަރަށް ތަޖުރިބާކާރު މީހުން ކަމަށެވެ. އެމީހުންނަށް މިހާރު ބޭނުންވަނީ އިދާރީގޮތުން ކަންކަން ފަހިކޮށްދިނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރާނެއެވެ.