ކުޅިވަރު

ލިވަޕޫލް ބަލިކޮށް ރެއާލުން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި


ފައިނަލް މެޗުގައި ލިވަޕޫލް ބަލިކޮށް ރެއާލް މެޑްރިޑުން 14 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން 1981 ވަނަ އަހަރު މި ދެ ޓީމު ވަނީ ފެރިހުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކޮށްފައެވެ. އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް މި ދެ ޓީމު ޗެމްޕިއަންސް ލީގު ފައިނަލުގައި ބައްދަލުކުރިއިރު، އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލުންނެވެ.

ފްރާންސްގެ ޕެރިހުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ފަށާފައިވަނީ 36 މިނެޓު ފަހުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލްގެ ސެނެގާލް ފޯވާޑް ސާޑިއޯ މާނޭ ފޮނުވާލި ހަމަލާ ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން ލިވަޕޫލުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ 43 ވަނަ މިނެޓުގައި ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކޮށް ލިވަޕޫލުގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 59 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގައި އުފެއްދި ހަމައެކަނި ހަމަލާގައި ވަލްވާޑޭ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. މި ލަނޑާއެކު ލިވަޕޫލުން ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ސަލާހް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯޓުއާއެވެ.

މިއީ ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. ރެއާލަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައޮވާ ޓީމެވެ. ރެއާލްގެ ފަހަތުން މި މުބާރާތް ދެވަނައަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ. އެ ޓީމުން ވަނީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން ވަނީ މިހާތަނަށް ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި ކާމިޔާބީއާއެކު ރެއާލުގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ހައިސިއްޔަތުން ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން ރެއާލް މިފަހަރު ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފަައެވެ.