ޚަބަރު

މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފާހގަކުރަން 1927 ގަސް އިންދައިފި


މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހުޅުމާލޭގައި 1927 ގަސް އިންދައިފިއެވެ. މަޖީދިއްޔާ ސްކޫލްއާއި އެޗްޑީސީން ގުޅީގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއެވެ. 1927ވަނަ އަހަރަކީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމަށްވާ މަދަރުސަތުއްސަނިއްޔާ އުފެދުނު އަހަރެވެ. އެއީ އެއަހަރުގެ އޭޕްރިލް މަހުގެ 19ވަނަ ދުވަހެވެ. 1927 ގަސް އިންދީ އެއަހަރު ރަމްޒުކުރުމުގެ ގޮތުންނެވެ.

މަޖީދިއްޔާ ސްކޫލްއަށް 95 އހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހުޅުމާލެ ފެހި ކުރުމުގެ މަސައްކަތުގެ ތެރެިއން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރަކާތުގައި ވަނީ މަޖީދިއްޔާ ސްކޫލްގެ މިހާރުގެ ދަރިވަރުންނާ މުސްކުޅި ދަރިވަރުން ބައިވެރިވެ 1927 ގަސް ހުޅުމާލޭގައި އިންދާފައެވެ.

ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ފައިޞަލް ނަޞީމް ވަނީ މަޖީދިއްޔާ ސްކޫލްއަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ދަރިން ތަކެއ އުފައްދަވާ ޤައުމަށް ޚިދުމަތްތައް ކުރައްވަމުން އަންނަ ދަރިވަރުންތަކެއް އުފައްދަވާފައިވާ ތަނެއްކަން ފާހަގަކުރައްވާފައެވެ. ނައިބްރައީސް ވިދާޅުވީ ޢިލްމީ ބިނާއަކަށް އެތަނެއް ވަނީ މުޖުތަމަޢުއަށް ފައިދާ ހުރި ދަރިންތަކެ އުފެއްދުގެންކަން ފާހަގަކުރައްވާފައެވެ.

ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ މިއީ މުޅީ ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. މިގޮތުން ރާއްޖޭގެ ފަޅާއި
ފަރުތަކާއި ގޮނޑުދޮށްތަކާއި އެއްގަމު އަދި ޖައްވުގެ ސާފުކަން ޔަޤީން ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެއްކަމަށް ނައިބްރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކުވެސް ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކޮށް މަދުކޮށް ވަށައިގެންވާ މާހައުލު ސާފުކޮށް ބޭއްވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ މުހިއްމު މަސައްކަތެއްކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ވަނީ ތިމާވެށި ހިމާޔްތ ކުރުމަށްޓަކައި ވަޢުދުވެފައެވެ. މަޖީދިއްޔާ ސްކޫލްއަށް 95 އހަރު ފުރުމާ ގުޅިގެން އެ ސްކޫލްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 95 ގަޑިއިރުމުގެ ދުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރަސްމީކޮށް ރާއްޖޭގެ ސްކޫލް ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. މަދަރުސަތުއް ސަނިއްޔާއިން މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މުހިންމު ބިނާ، 1952 ވަނަ އަހަރު ތަރައްޤީކުރި "ދާރުލް އުލޫމު" އިމާރާތަކީވެސް ސްކޫލަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ބިނާއެކެވެ.

މިހާރުގެ ގޮތަށް މަޖީދިއްޔާ ސްކޫލަށް ނަން ބަދަލުކުރީ، 1960ވަނަ އަހަރު، އިނޑިރޭސިި މީޑިއަމަށް ކިޔެވުމުގެ ނިޒާމަކަށް ސްކޫލް ބަދަލުކުރުމާއެކުގައެވެ. އިނގިރޭސި މީޑިއަމަށް ކިޔެވުން ފެށުމާއިއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އިމްތިޙާންތަކުގައި ބައިވެރިވާން ފެށި ސްކޫލަކީވެސް މަޖީދިއްޔާއެވެ. މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މިދިޔަ އެޕްރީލްމަހުގެ 19ވަނަ ދުވަހުގައެވެ.