ޚަބަރު

އައު އިންޖީނުގެއާއެކު ހިތާދޫ ރައްޔިތުންގެ 28 އަހަރުވީ ޝަކުވާއަށް އެންމެފަހުން ހައްލެއް


ބ.ހިތާދޫގައި މީގެ 28 އަހަރު ކުރިން ބޭނުންކުރަމުން އައި ބައު އިންޖީނުގެއިން ކަރަންޓް ދިނުން ހުއްޓާލައި، ސަރުކާރުން އެރަށުގައި ތަަރައްޤީކުރި ޒަމާނީ އައު އިންޖީނުގެއިން ކަރަންޓް ދޭންް ފަށައިފިއެވެ.

އައު އިންޖީނުގެއާއެކު ހިތަދޫ ރައްޔިތުންގެ 28 އަހަރުވީ ޝަކުވާއަށް އެންމެފަހުން ހައްލެއް ވަނީ ލިބިފައެވެ.

ބ.އަތޮޅު ހިތާދޫގައި ސަރުކާރުން ތަރައްޤީ ކުރި އާ އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފެށީ އިއްޔެއެވެ. އެރަށަށް ދިމާވެފައި އޮތް ޒަމާންވީ މި މައްސަލައަށް ހައްލު ލިބުމަކީ އެރަށު ރައްޔިތުން އަބަދުވެސް ދެކެމުންދިޔަ ހުވަފެނެކެވެ. މިހާރު އެކަން ހާސިލުވެފައިވާއިރު، ކުރިން ރަށު ތެރޭގައި މީހުން ދިރިއުޅޭ ގެތަކުގެ މެދުގައި ހަދާފައިވާ ބައު އިންޖީނުގޭގެ ސަބަބުން ނުހަނު ބޮޑެތި އުނދަގުލާ ރައްޔިތުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިންޖީނުގެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައި ނެތުމުން ވާރޭ ފެން ނެގުމާއި އަޑު ގަދަވުމާއި ރައްކާތެރިކަމެއް ނެތުމަކީ އެރަށު ރައްޔިތުން ކަންބޮޑުވިކަމެކެވެ. އެެހެންކަމުން ސަރުކާރުން މިކަމަށް ހައްލު ހޯދައި ދީ މީހުން ނޫޅޭ ސަރަހައްދުގައި ޒަމާނީ ފެންވަރަށް އިންޖީނުގެއެއް އަޅާ އެތަނުން ޙިދުމަތް ދޭން ފެށުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުން ގެނުވިކަމެކެވެ.

ހިތާދޫގައި ހަދާފައިވާ އައު އިންޖީނުގެއިން މިހާރު ކަރަންޓް ފޯރުކޮށްދެނީ އެރަށަަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ސަރުކާރުން އެރަށަށް ފޮނުވި 400 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް މެދުވެރިކޮށެވެ.

ހިތާދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްސަން އަޙްމަދު ވިދާޅުވީ ކުރީގެ އިންޖީނުގެއިން އިވެމުން ދިޔަ އަޑު މިހާރު ކަނޑާލާފައިވާކަމަށެވެ. އަދި ބާ އިންޖީނުގެ ނިއްވާލުމަށްފަހު އާ އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދީފައިވަނީ ހޮނިހިރުދުވަހުގެ ހަވީރުކަމަށެވެ. އަހްސަން ވިދާޅުވީ ކުރީގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އޭގެ ދަށުން މި ވަގުތައް ބަދަލު ކުރާނީ މިހާރު ޙިދުމަތް ދެމުންދާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު އެކަނިކަމަށެވެ.

މި ޖަނަރޭޓަރަކީވެސް ސަރުކާރުން 2020 ވަނަ އަހަރު އެރަށަށް ފޮނުވާފައިވާ ޖަނަރޭޓަރ ސެޓެކެވެ. އެއީ އެރަށުގައި ކުރިން ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރި 200 ކިލޯވޮޓްގެ ޖަނަރޭޓަރ ހަލާކުވެ ރަށުން ކަރަންޓް ކެނޑޭތީ އެކަމަށް ހައްލު ހޯދައިދިނުމަށް ފޮނުވި ޖަނަރޭޓަރ ސެޓެކެވެ. ބައު އިންޖީނުގެއިން ކަރަންޓް ދެމުންއަކީ 400 ކިލޯވޮޓްގެ މި ޖަނަރޭޓަރގެ އިތުރުން 160 އާއި 128 ކިލޯވޮޓްގެ ދެ ޖަނަރޭޓަރ ބޭނުންކޮށްގެންނެވެ. މިދެ އިންޖީނު މިވަގުތަށް ބަދަލު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އައު އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވަނީ ސަރުކާރުން އެރަށުގެ ކޭބަލް ނެޓްވޯކްވެސް ބަދަލުކުރުމަށްފަހުގައެވެ. މިހާރު އެރަށު ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންވެ، ރައްކާތެރިކަންވެސް ކަށަވަރު ވެގެން ދިޔައީއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ކުދި އާބާދީތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ ޙާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.