ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއިން ޚާއްސަ ސެމިނަރއެއް ބާއްވައިފިއެވެ.
ހަތަރުދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔތަ މި ސެމިނާއަކީ އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް ސައިންޓިފިކް، ކަލްޗަރަލް އޮގަނަޒޭޝަން (އިސެސްކޯ)ގެ އަރަބިކް ލެންގުއޭޖް ލާނިން ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެމިނާރއެކެވެ. އިސެސްކޯއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ދަށުން ހިންގާ އޯގަނައިޒޭޝަނެކެވެ.
އިސެސްކޯއާ ގުޅިގެން އިލްމު އިންސްޓިޓީއުޓުން ރާއްޖޭގައި ބޭއްވި މި ސެމިނާ ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ މި ސެމިނަރ ފަށާފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. މިސެމިނަރ ކުރިޔަށް ގެންގޮސްދެއްވުމަށް، އިސްލާމިކް އިސެސްކޯގެ ޢަރަބި ބަހުގެ މަރުކަޒުގެ ރައީސާއި އެ މަރުކަޒުގެ ޚާއްސަ މުޝީރެއް ވަނީ ރާއްޖެވަޑައިގެންފައެވެ.
މި ސެމިނަރގައި އިސެސްކޯގެ ފަންނީ ލަފާފުޅުގެ އަލީގައި، ދިވެހިރާއްޖޭގައި ޢަރަބިބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި މިކަން މިހާރަށްވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ އިތުރުން އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢިލްމް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގަ ވަރަށް ގިނަ ބަޔަކު އަރަބި ބަސް އުނގެނެން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އުނގަންނައިދޭ މީހުންގެ ހައިސިއްޔަތުން ކުރިމަތިވާ އަދި އުނގެނޭ މިހުންގެ ހައިސިއްޔަތުން ކުރިމަތިވާ ބައެއް ކަހަލަ ދަތިތައް އެބަހުރިކަމަށެވެ.
"މި ސެމިނާގެ އެންމެ ބޮޑު ބޭނުމަކީ އެ ދަތިތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަން ހައްލުކުރުމަށް އެސިސްކޯގެ ފަންނީ ބޭފުޅުންގެ ލަފަޔާއި އެހީއާއެކު ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންކަން މަގުފަހި ކުރުވުން. ގަބޫލުކުރެވެނީ މި ހޭދަކުރެވުނު 4 ދުވަހުގެ ތެރޭގަ އަޅުގަނޑުމެނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގަނެވި އަދި ހަމައެހެންމެ އިތުރަށް ކަންކަން ރަނގަޅު ކުރެވިދާނެ ވަރަށް ގިނަ ގޮތްތަކެއް ދެނެގަނެވިއްޖެކަމަށް" އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ޢަރަބި މުދައްރިސެއްކަމަށްވާ އަލްއުސްތާޛު އިޔާޟް ޖާދުﷲ ނަސީމް ވިދާޅުވީ މިވޯކްޝޮޕްގެ ތެރެއިން ބަސް ކިޔަވައިދިނުމުގައި ބޭނުންކުރާނެ އުސްލޫބުތަކާއި މިހާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާދޭނެ ގޮތްތައް އިތުރަށް ސާފުވެގެން ދިޔަކަމަށެވެ. އަދި އެކަންކަން ކޮށްފިނަމަ ދިވެހި ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރެވި ދިވެހިރާއްޖޭގައި ބަސްކިޔަވައިދިނުމުގެ ކަންތައްތައް އާ މަރުހަލާތަކަކަށް ގެންދެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އާންމުކޮށް ދިވެހިރާއްޖޭގައި އަރަބިބަސް ކިޔަވާދޭއިރު ކްލާސްތަކުގައި ހަމައެކަނި ކިޔުމާއި ލިޔުން ކުރިއަށް ގެންދިޔަ ނަމަވެސް ހަގީގަތުގައި ބަހެއް ދަސްކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ އަޑުއެހުން ނުވަތަ ވާހަކަދެއްކުން" އަލްއުސްތާޛު އިޔާޟް ޖާދުﷲ ނަސީމް ވިދާޅުވިއެވެ.
މި ސެމިނަރގައި، ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ 9 މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުންވެސް ހިމެނެއެވެ.