ވިޔަފާރި

ރައީސްގެ ނިންމެވުން، އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް


މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވިކަން ހާމަކުރައްވާފައިވަނީ އއ. އުކުޅަހުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގެ ތެރެއިންނެވެ.


ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، 2014ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެންމެ އެދެވޭ ނަފާ ހޯދައިދިނުމުގެ މަސައްކަތް ފެށްޓެވިއެވެ.

މި ސަރުކާރުން ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރިން އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެންޖެހޭ އެހެނަސް ޖަމާކޮށްދީފައިނުވާ 2014، 2015 އަދި 2016 ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދީފައެވެ.

"ވިއަވަތި" ކޮންފަރެންސްގެ މަޝްވަރާތަކުގައި ކައުންސިލްތަކުން ހުށައެޅި ހުށައެޅުންތަކަށް ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، 2014 އިން 2016 ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދިނުމަށްފަހު ކޮވިޑާއި ގުޅިގެން 2018 އަދި 2019 ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދިނުމަށް ލަސްތަކެއް ކުރިމަތިވިކަމަށެވެ. ނަމަވެސް މި ފައިސާ ކައުންސިލްތަކަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖަމާކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަތޮޅު ފިހާރަތަކަށް ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދެއްވާނެކަމަށެވެ.

" ކައުންސިލްތަކަށް މި ލިބެނީ އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ %50. އެއީ ކުރީއްސުރެ ފަށައިގެން މިއަންނަ ގޮތް. ދެން މިއަންނަނީ ސަރުކާރަށް. އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިއިރުގައި އޮތް 2014 ވަނަ އަހަރުން އެއްވެސް ފައިސާއެއް ކައުންސިލްތަކަށް ނުދީ. ފުރަތަމަވެސް އައިސް 2019 ވަނަ އަހަރު 2014، 2015، 2016 ވަނަ އަހަރުގެ ފައިސާ އެކީގައި ދީ ނިންމީ. ދެން ކޯވިޑާއި އެކީގައި ކުޑަކޮށް މަޑުޖެހިފައި އޮތުމަށްފަހުގައި 2018، 2019 އެއަހަރުގެ ފައިސާ އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ޖަމާކޮށްދޭނަން. އޭގެއިތުރުން އަޅުގަނޑުމެން މި ނިންމަނީ ކުރިއަށް އޮތް ތަނުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެކީގައި އަތޮޅު ކައުންސިލްތަކަށް ދޭގޮތައް. ފިނޭންސް މިނިސްޓްރީއަށް ސަރުކާރުގެ ބަޖެޓަށް އެ ނުވަދެ ސީދާ ކައުންސިލްތަކަށް އެ ދޭގޮތަށް" ރައީސް ވިދާޅުވިއެވެ.

މި ޝެންޝަގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 2018 ވަނަ އަހަރުގެ ފައިސާ އަންނަ ހަފްތާގައި ޖަމާކުރާއިރު ކުރިން 17 މިލިއަން ދޭގޮތަށް އޮތްނަމަވެސް މިހާރު 34 މިލިއަން ރުފިޔާ ކައުންސިލްތަކަށް ލިބޭނެކަމަށެވެ.

"ރައީސް ދެންމެ އެ ނިންމެވި ނިންމެވުމާއިއެކު 2018 ވަނަ އަހަރުގެ ކައުންސިލްތަކަށް އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީ މިއަންނަ ހަފްތާ ތެރޭގައި ޖަމާކުރެވޭތޯ މަސައްކަތް ކުރާނަން. ގާތްގަނޑަކަށް އެއީ 34 މިލިއަން ރުފިޔާ. ކުރިން އޮތީ 17 މިލިއަން ރުފިޔާ. މިހާރު ރައީސްގެ ނިންމެވުމާއިއެކު 34 މިލިއަން އެއްކޮށް ތިބޭފުޅުންނަށް އިނގޭތޯ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2016ވަނަ އަހަރު އަތޮޅު ފިހާރަތަކުން 20 އަތޮޅަކަށް 17،911،570.88 (ސަތާރަ މިލިޔަން ނުވަ ލައްކަ އެގާރަ ހާސަ ފަސް ސަތޭކަ ހަތްދިހަ ރުފިޔާ އަށްޑިހަ އަށް ލާރި) ވަނީ ދޫކޮށްފައެވެ. އަދި 2017ވަނަ އަހަރަށްވާ 20،525،983.14 (ވިހި މިލިޔަން ފަސް ލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ އަށްޑިހަ ތިން ރުފިޔާ ސާދަ ލާރި) ވަނީ ދޫކޮށްފައެވެ.