ޚަބަރު

ގްރީން ޓެކުހުން ލިބޭ އާމްދަނީ ސީދާ ރަށު ތަރައްޤީއަށް


ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ރަށު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އއ.އުކުޅަހުގައި ކުރިއަށްގެންދާ "ވިއަވަތި ރާއްޖޭ" ލާމަރުކަޒީ ނިޒާމު ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޚާއްޞަކޮށްފައިވަނީ މާލީ ގޮތުން ކައުންސިލްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެ ގޮތްތަކަށް މަޝްވަރާކުރުމަށެވެ. ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށް، ކަރުދާހުގެ ސިފާގައި، މި ސެޝަންގައި ސަރުކާރަށް ވަނީ ހުށައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި ކައުންސިލްތަކުން ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓް ކަނޑައެޅިނަމަވެސް އެއީ ކައުންސިލްތަކުގެ ޒިންމާ އަދާކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާކަމަށް ފާހަގަކުރައްވާފައެވެ. ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހުގައި ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް %5 ކަނޑައަޅާފައެވެ. ނަމަވެސް ކައުންސިލްތަކުން ރައީސަށް ހުށައެޅުއްވީ އެ ޢަދަދު %8 އަށް އިތުރުކޮށްދިނުމަށެވެ. އަދި އެ ރަށަކުން ނެގޭ ގްރީން ޓެކްސްގެ %50 އެ ރަށަކަށް ލިބުމުގެ މުހިންކަންވެސް ކައުންސިލްތަކުން ފާހަގަކޮށް އެކަންވެސް ހުށައެޅިއެވެ.

ކައުންސިލްތަކުގެ މި ހުށައެޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކައުންސިލްތަކުން ހުށައެޅި ކަންކަން ހަގީގަތަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތްކުރައްވާނެކަމަށެވެ.

ގްރީން ޓެކްސާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ރަށްރަށް ލިބޭގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވައިދެއްވާނެކަމަށެވެ. އެގޮތުން ގްރީން ޓެކްސްގެ އާމްދަނީ ބޭނުންކޮށްގެން ކޮންމެ ރަށެއްގައި ކުނި މެނޭޖުކުރަން ފައިސާ ދެއްވާނެކަމަށާއި، އެ ރަށްރަށުގައި ވޭސްޓް ޓްރާންސްފަރ ކުރުމަށް ނުވަތަ އެރަށެއްގެ ކުނި ރައްކާތެރިގޮތުގައި ނައްތާލާނެ ސަރަހައްދަށް ގެންދިއުމަށްވެސް ގްރީން ޓެކުހުން ފައިސާގެ އެހީ ދެއްވާނެކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ސަރުކާރުގެ މި ޔަޤީންކަމާއެކު ކައުންސިލްތަކުން ވަނީ އެއީ މިވަގުތަށް އެންމެ ބޭނުންތެރި އެއް ނިންމުންކަން ފާހަގަކުރައްވާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 3 ޑޮލަރެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދާއި ގްރީން ޓެކުހާއި ސީދާގޮތުން ވަނީ ގުޅިފައެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގަމުން އަންނަ ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.