ޚަބަރު

ވިއަވަތި މަޝްވަރާތަކަށްފަހު، ލޭންޑް ޔޫސް ޕްލޭންގެ މައްސަލަތަކަށް ހައްލު ގެނެވޭނެ: ނިޔާޒު


އުކުޅަހުގައި ފެށިފައިވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމިގެންދާއިރު ކައުންސިލްތަކުން އެކުލަވާލަންޖެހޭ ލޭންޑް ޔޫސް ޕްލޭންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ މިހާތަނަށް ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވީނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް ކަންކަން ހާސިލް ކުރެވިފައި ނުވަނީ ލޭންޑް ޔޫސް ޕްލޭން ނިންމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ކައުންސިލްތަކުން ރަށްރަށުގެ ތަރައްޤީއަށް ކުރާ ކަންކަމާއި، މާލީ ފުުދުންތެރިކަންވެސް ގުޅިފައިވަނީ ލޭންޑްޔޫސް ޕްލޭނާއެވެ. ނަމަވެސް މިހާތަނަށް މި ޕްލޭން އެކުލަވާލައި ހުއްދަ ދެވިފައިވަނީ 8 ކައުންސިލަކަށެވެ. ގިނަ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭން ނުނިމި ލަސްވަނީ އޭގައި ޤާނޫނީ މައްސަލަތަކެއް އެކަނި ހުރެގެން ނޫންކަން މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ސާފުވެފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.

މިކޮންފަރެންސުގެ އެންމެ ބޮޑު ބޭނުމަކީވެސް ކައުންސިލްތަކަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލްތަކުގެ މަޝްވަރާއާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައިގެން ނޫނީ ތަރައްޤީ ނުކުރެވޭނެކަމަށް ނިޔާޒު ވިދާޅުވިއެވެ. ސަރުކާރާއެކު މިކޮންފަރެންސްގައި ކައުންސިލްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރެވޭ މަޝްވަރާތަކަށްފަހު ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ވިއަވަތި ކޮންފަރެންސުގެ ތިންވަނަ ބައްދަލުވުން ބޭއްވިގެން މިދަނީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ހުރި ކަންބޮޑުވުން ހުށަހަޅައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަޤުސަދުގައެވެ.

މިކޮންފަރެންސްގައި އެންމެ ބޮޑަށް އިސްކަން ދެވޭނެ ދާއިރާތަކަކީ ޤާނޫނުގެ ތެރެއިން ދޫކޮށްފައިވާ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ހޯދޭނެ ގޮތްތަކާއި، އަންހެން ކައުންސިލަރުންނަށް ހުރި ގޮންޖެހުންތަކާއި، ލޭންޑު ޔޫސް ޕްލޭން އެކުލަވާލުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުންކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު، އެ އަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަމަ، ކޮންމެ ފަހަރަކުވެސް އެގޮތަށް އަމަލުކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.