ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ކުލަބު ވޮލީބޯލް އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ހިންމަފުށި ވިކްޓޯރިއަސް ކްލަބާއި ބައްދަލުކޮށް ކްލަބް ވޮލީބޯލްއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ކްލަބް ވޮލީބޯލްއިން ގެންދިޔައީ 25-22 އަދި 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓު ތަފާތު ރޫހެއްގައި ކުޅެ ހިންމަފުށި ވިކްޓޯރިއަސް ކްލަބުން ވަނީ 25-27 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ސެޓު ކްލަބް ވޮލީބޯލް އިން ކާމިޔާބުކުރީ 25-22 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ވޮލީބޯލްގެ މަލްދާ މަސްއޫދެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި ކްލަބް ހާފް ލައިން ލިންކޭޖް ބައްދަލުކުރިއިރު، މި މެޗު ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 25-10، 25-14 އަދި 25-15 އިންނެވެ.
ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލައިން ލިންކޭޖެވެ.